ހިޔާލުތަފާތުވުންތައް ދޫކޮށް، ރައްޔިތުންނާ ގުޅިގެން މި ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއީ އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށާއި، މިރޭ ފާހަގަ މިކުރަނީ އެ މެންބަރުންގެ ކާމިޔާބީ ކަމަށެވެ. ޝާހިދު ވިދާޅުވީ އެކަތިގަނޑެއްގެ ގޮތުގައި ތިބެ ފެށި މި މަސައްކަތް ނިންމާލުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ މަސައްކަތަކަށް ވާންޖެހޭނީ މި ސަރުކާރު ބަލިކޮށް، ރާއްޖެ ހަމަމަގަމަށް އެޅުވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހިޔާލުތަފާތުވުންތައް އެއްކިބާކޮށް، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މި ސަރުކާރު ބަދަލުކޮށްލައި ރާއްޖެއަށް ހެޔޮގޮތް ހޯދުމަށް. އެހެންވީމާ ގުޅިވަޑައިގަންނަވާ. އެކަމަށް އެކުވެރިވެވަޑައިގަންނަވާ. އެކަމަށް އެކުގާ ކުރިއަށްވަޑައިގަންނަވާ. ރާއްޖޭގެ ރައްޔިތުންގެ އުންމީދު ތިލަފަތަށް މާބޮޑު. ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަން، އަދުލު އިންސާފު، ކުރިއަށްދިޔުން، ތަރައްގީ، ލާމަރުކަޒީ ނިޒާމުން މި ދައުލަތް ހިންގުން. އެ އުންމީދުގައި އަޅުގަނޑުމެންނާ އެކީގައި ތިބި ހުރިހާ ރައްޔިތުންނާއެކުގައި ކުރިއަށްދަމާތޯ. އަޅުގަނޑުމެންނަށް ފަަހަތަށް ޖެހޭވެކަށް ނެތް. އަޅުގަނޑުމެން ދާން ރައްޔިތުން އެދެނީ ކުރިއަށް،" ޝާހިދު ވިދާޅުވިއެވެ.

މިރޭ މި ފާހަގަކުރަނީ ރައްޔިތުން މި ސަރުކާރަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނުންކަމަށް ޝާހިދު ވިދާޅުވިއެވެ. ރައްޔިތުން ވަނީ 70 ޕަސަންޓުން ސަރުކާރަށް ނޫނެކޭ ބުނެފައިކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ރައްޔިތުންނާއެކު ނުކުމެވަޑައިގަތުމަށް ގޮވާލައްވާކަމަށް ޝާހިދު ވިދާޅުވިއެވެ. ގާނުނުއަސާސީގައި ހިމާޔަތުގައިވެސް މަޖިލީހުގެ މެންބަރުން، ރައްޔިތުންނާއެކު ނުކުމެވަޑައިގެން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ފަހަތަށް ޖެހި ތިބެވޭކަށް ނެތް. އަޅުގަނޑުމެންގެ މުޅި މަސައްކަތަށް ވާންޖެހޭނީ މި ދައުލަތް ހަމަމަގަށް އެޅުވުން. ގާނޫނުއަސާސީގެ ހިމާޔަތުގައި ތެދުވުން. އެކަން ރާއްޖޭގެ ރައްޔިތުން ދައްކައިދީފި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެންމެ އިންޗިއެއްވެސް ފަަހަތަށް ނުޖެހި، ރައްޔިތުންނާއެެކު ކުރިއަށްދާން ޖެހޭ ކަމަށެވެ.