އެންމެ ރެއަކުންވެސް މުޅި އިރާނު ހިފިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ އިސްވެ ކުރަމުން އަންނަ ހަނގުރާމައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވަނީ އެމެރިކާއަށް އިރާނު ހިފުމަކީ ވަރަށް ފަސޭހަކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ މުޅި އިރާނު އެންމެ ރެއަކުން ހިފިދާނެ ކަމަށާއި އެރެއަކީ މިރޭ ކަމުގައި ވެސް ވެދާނެ ކަމަށެވެ.

އިރާނުން ހޮރުމޯޒު ކަނޑުއޮޅި ބަންދުކޮށްގެން އުޅޭ މައްސަލައިގައި ރައީސް ޓްރަމްޕް ވަނީ އިރާނާ ދެކޮޅަށް ވަރުގަދަ އިންޒާރެެއް ދެއްވައި ކަނޑުއޮޅި ހުޅުވުމަށް މުހުލަތެއް ދެއްވައިފައެވެ.

އިރާނުން ހޮރުމޯޒު ކަނޑުއޮޅި މިއަދު ނުހުޅުވައިފިނަމަ އިރާނަށް ވަރުގަދަ ހަމަލާއެއްދީ އިރާން ސްޓޯން އޭޖަށް ބަދަލުކުރާނެ ކަމަށް ޓްރަމްްޕް ވަނީ އިންޒާރު ދެއްވައިފައެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން މިހާތަނަށް އިރާނުގެ 13،000 ތަނަކަށް ހަމަލާ ދީފައިވާ ކަމަށާއި މުޅި އޮޕަރޭޝަންގައި އިރާނަށް ވައްޓާލެވުނީ މިދިޔަ ހަފުތާގައި ވައްޓާލި އެފް-15 މަރުކާގެ ޖެޓު ކަމަށެވެ.