މޯލްޑިވްސް އެކުއަޓިކްސް (ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް) އިސް ނަގައިގެން އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ތަރައްގީކުރާ ދުނިޔޭގެ ފެންވަރުގެ ސްވިމިން ޕޫލުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި 71 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ނިންމައިފިއެވެ.

ޗަމްޕާ އާއިލާގެ ފަރާތުން ބޮޑު ހޭދައެއްކޮށް، ފެތުމުގެ ދުނިޔޭގެ ޖަމިއްޔާ ވޯލްޑް އެކުއަޓިކްސްއާއި ސްޕޯޓްސް މިނިސްޓްރީގެވެސް އެހީއާއެކު ގާއިމްކުރާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލަކީ މިހާތަނަށް ރާއްޖޭގައި ހިންގަމުންދާ ކުޅިވަރު އިންފްރާސްޓްރަކްޗާގެ އެންމެ ބޮޑު އެއް މަސައްކަތެވެ.

އޮލިމްޕިކް ސައިޒުގެ 50 މީޓަރު ސްވިމިން ޕޫލެއްގެ އިތުރުން ޑައިވިން ޕޫލަކާއި އައިސް ބާތިން ފެސިލިޓީއާވެސްއެކު ސްވިމިން ޕޫލް ތަރައްގީ ކުރަމުންދަނީ ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭނެ ގޮތަށް، އެކަން ޔަގީންވެސް ކޮށްގެންނެވެ. މޯލްޑިވްސް އެކުއަޓިކްސްއިން ސްވިމިން ޕޫލް ނިންމަން މިހާރު ޓާގެޓް ކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

މޯލްޑިވްސް އެކުއަޓިކްސް އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މި އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ ލޯނުގެ ގޮތުގައި ލިބޭ ފައިސާ ކަަމަށް 71،745،000 ރުފިޔާ ހިމަނައިފައެވެ.

އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) "ވަން ސްޕޯޓްސް"އަށް ވިދާޅުވީ، ޕޫލް އެޅުމަށް ލޯން ނަގަން ނިންމީ، އެހެން ސްޕޮންސަރުންނާއި އެހީތެރިކަން ދެމުންދާ ފަރާތްތަކުންވެސް ޕޫލް އަވަހަށް ނިންމަން ބޭނުންވާތީ، އެކަމަށް އެންމެ ރަނގަޅު ގޮތެއް ބަލާފައި ކަމަށެވެ.

އެމްއޯސީގެ އަދި މޯލްޑިވްސް އެކުއެޓިކްސްގެ ރައީސް ޗަމްޕި --- ފޮޓޯ/ އެމްއޯސީ

ނަތީޖާ ނެރުމަށްވެސް ޕޫލް އަވަހަށް ނިންމުން މުހިއްމު ކަމަށް ސައްތާރު ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯން ނަގަން މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި، އެކަމަށް މަސައްކަތް ކުރީ ގާނޫނީ ލަފާވެސް ހޯދައި، އެކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިން ބެލީ މިދިޔަ އަހަރު ޕޫލް ނިންމާލުމަށް ނަމަވެސް، އެކިއެކި ހާލަތްތައް ދިމާވެ، ޕޫލްގެ މަސައްކަތް ވަނީ ކުޑަ ތަންކޮޅެއް ލަސްވެފައެވެ. ސައްތާރު ވިދާޅުވީ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި، ކަންކަން ފުރިހަމައަށް ރަނގަޅަށް ކުރުމަށް ވަރަށް ބައިވަރު ކަންކަމަށް ވިސްނަން ޖެހޭ ކަމަށެވެ.

"އެންމެ ފުރަތަމަ ސްވިމިން އެސޯސިއޭޝަނުން ނިންމާފައި އޮތީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލް ބޭނުންކޮށްގެން މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް. އެކަމަކު އެއީވެސް ހަމަ ލޯނެއްގެ ގޮތަށް އޮންނަ ކަމެއް. އެކަމަށް މާގިނަ ވަގުތުވެސް ހޭދަވާތީ، ފަހުން ގިނަ ބައެއްގެ ލަފައާއެކު ނިންމީ ލޯނަކަށް ދިޔުމަށް. އިރާދަކުރެއްވިއްޔާ ލޯންވެސް ހަމަޖެހި، ޕޫލްގެ ބޮޑެތި ހުރިހާ މަސައްކަތްތައް ސެޕްޓެމްބަރު މަހަށް ނިންމާލަން ޓާގެޓް މިކުރަނީ،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ފާހަގަކުރެއްވީ ރާއްޖޭގައި ތަރައްގީކުރާ ފެސިލިޓީ ވެގެންދާނީ މި ރީޖަނުގައިވެސް ގާއިމުކުރެވޭ އެންމެ ޒަމާނީ، އެންމެ ފުރިހަމަ އެއް ފެސިލިޓީއަށް ކަމަށެވެ. އަދި މިހާރު ނަތީޖާ ނެރުމަށް ޕޫލްގެ ވަސީލަތް ރަނގަޅުކުރަން ޖެހިފައިވާ އިރު، ވިސްނުން ހުރީ ދުރު ރާސްތާ ޕްލޭނެއްގައި ޕޫލްގެ ހިދުމަތްތައް މެއިންޓެއިން ކުރަން ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ. އެގޮތުން، ދުރު ރާސްތާ ޕްލޭނަށް ބަލާއިރު، ކަރަންޓް ހަރަދު ކުޑަކުރުމަށް ފުރާޅުގައި ސޯލާ ހަރުކުރުންވެސް އެއީ ވިސްނުމެއް ކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އެކުއެޓިކްސްއިން ނަގާ ލޯނަކީ ގްރޭސް ޕީރިއަޑެއް ހިމެނޭ، 10 އަހަރު ދުވަހުން ރިޕޭ ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯންގެ މަސައްކަތް ކުރިއަށް ދަނީ ބެސްޓް ޕްރެކްޓިސްގެ ތެރެއިންކަން ޔަގީންކޮށްދޭ ކަމަށްވެސް ސައްތާރު ފާހަގަކުރެއްވިއެވެ.