ރާއްޖޭގެ އެންމެ ބޮޑު ކައިޓް ސާފިން ހަރަކާތް ރާރާ ޕްރޯ، މިދިޔަ އަހަރު ކ. ދިއްފުށީގައި ހޯސްޓް ކުރި އައިކޯނިކް އިވެންޓްސްގެ އޮތީ ދުރު ރާސްތާ ޕްލޭނެއް ކަމަށާއި، އެ ޕްލޭންގެ ދަށުން ތަފާތު ކުޅިވަރުތަކެއް ދިވެހި ރާއްޖެއަށް ގެނެސްދިނުން ހިމެނޭ ކަމަށް ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ މާކެޓިންނާއި މީޑިއާގެ އިތުރުން ހިންގުމުގައިވެސް ހަރަކާތްތެރިވާ ރަޝް އެހެން ވިދާޅުވީ، މިއަހަރުގެ ރާރާ ޕްރޯ އިއުލާނުކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައެވެ. މިއަހަރު ރާރާ ޕްރޯ ޖޫން މަހު އެކަކުން ހަޔަކަށް ކުރިއަށް ދާނީ ދިއްފުށީގައެވެ.

"މިފަހަރު ރާރާ ޕްރޯ މި އިއުލާނުކުރެވުނީ މުޅިން އާ ޑިވިޝަނަކާއެކު. އެއީ ފްރީ ސްޓައިލް ޑިވިޝަން. ދެން މިދިޔަ އަހަރުގެ ރާރާ ޕްރޯއަކީ މެދުކެނޑުމަކަށްފަހު އައި ކައިޓް ސާފިން އިވެންޓެއް. އެހެންވިޔަސް، އެ ލިބުނު ވަގުތުގައި ހަމަ ވަރަށް ރަނގަޅު އެތުލީޓުންތަކެއް އެކްޓިވްވެ، ބައިވެރިވެފައިވޭ އިވެންތްގައިވެސް. އޭގެ ތެރެއިން ހަމަ ކައިޓް ސާފިން ކުޅިވަރެއްގެ ގޮތުގައި އިތުރަށް ޕްރޮމޯޓް ކުރުމަށްވެސް ވަރަށް ގިނަ ބަޔަކު ހަމަ އިންވޯލްވެފައިވޭ،" ރާރާ ޕްރޯއާ ގުޅޭ ގޮތުން ރަޝް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ރަޝް ފާހަގަކުރެއްވީ މިދިޔަ އަހަރުގެ ރޭސް އިވެންޓުންވެސް ރައިޑާސްގެ ހުނަރު، ކުރިއަށްވުރެ ކުރިއަރާފައިވާކަން ފެނުނު ކަމަށާއި، މިދިޔަ އަހަރު ފެނުނު މަންޒަރާއެކު މިއަހަރުގެ އިވެންޓްގައި އެއަށްވުރެ ބޮޑަށް ހުނަރުވެރިކަން ފެންނާނެކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

12 ޖުލައި 2025، ދިއްފުށި، ރާރާ ޕްރޯ 2025 ގެ ފައިނަލް ޑޭ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަހަރުގެ އިވެންޓް ކުރިއާލާ އިއުލާނުކުރުމަކީވެސް ގިނަ ބައިވެރިންނަށް ފުރުސަތު ބޮޑުކުރުން ކަމަށާއި، ރަށުގެ އިތުރުން މުޅި ރާއްޖޭގެ ޕްރޮމޯޝަންވެސް މި އިވެންޓްގެ ތެރެއިންނާއި އިވެންޓް ކުރިންވެސް ކުރިއަށް ދާނެ ކަމަށް ރަޝް ފާހަގަކުރެއްވިއެވެ.

ރާރާ ޕްރޯއަކީ އައިކޯނިކް އިވެންޓްސްގެ އެންމެ ފުރަތަމަ ބޮޑު އިވެންޓެވެ. ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް އިތުރަށް ފުޅާކޮށް، ތަފާތު ކުޅިވަރުތަކެއް ގެނެސް ޕްރޮމޯޓް ކުރުމުގެ ވިސްނުން އައިކޯނިކް އިވެންޓްސްއިން ގެންގުޅެމުންދާ އިރު، ފައުންޑާ ރަޝް ފާހަގަކުރެއްވީ، ކައިޓް ސާފިންގެ އިތުރުންވެސް ކުޅިވަރުތަކަކަށް ވިސްނުން ގެންގުޅެމުންދާ ކަމަށެވެ.

"އައިކޯނިކް އިވެންޓްސް އުފައްދައިގެން މި މަސައްކަތް ކުރަނީ ބައެއް ކުޅިވަރުތައް އެކްސްޕްލޯ ކުރުމަށް. 18 ކުޅިވަރެއް އެސޯސިއޭޝަން ހެދިގެން މި ރިކޮގްނައިޒް ކުރެވިފައި އޮތީ. ދެން އޭގެ ބޭރުންވެސް އެބަހުއްޓޭ އެކްސްޕްލޯ ކުރާނެ ކުޅިވަރުތައް. ހަމަ ކުރިއަށް ދެވޭނެވެސް ކުޅިވަރުތައް. މިސާލަކަށް އޮލިމްޕިކްސްގައިވެސް އޮންނަ ސެއިލިން ކަހަލަ ކުޅިވަރުތައް. އޭގެ ތެރެއިން ބައިވަރު ޑިސިޕްލިންތައް އެބަހުރި އެކްސްޕްލޯ ކުރެވޭނެ. މިކަހަލަ އިވެންޓްތަކުން އެކަހަލަ ކުޅިވަރުތައް އެކްސްޕްލޯ ކުރުމުން ކުޅިވަރަށް އެހީތެރިވެދެވޭ. އަދި އެއާއެކު ސްޕޯޓްސް ޓޫރިޒަމްވެސް އެބަ ވަދޭ މިއަށް،" ރަޝް ވިދާޅުވިއެވެ.

އައިކޯނިކް އިވެންޓްސްގެ ފައުުންޑާ ރަޝް ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރަޝް އިތުރަށް ވިދާޅުވީ ހަމައެކަނި އެސޯސިއޭޝަންތައް މެދުވެރިވެގެން ކުޅިވަރު ކުރިއެރުވުމަށްވުރެ، އަމިއްލަ ފަރާތްތަކުގެ ބައެއް އިސްނެގުމާއެކު ކުޅިވަރަށް ލިބޭ ކުރިއެރުން އަވަސް ވާނެ ކަމަށާއި، އައިކޯނިކް އިވެންޓްސްގެ ޓާގެޓަކީ ކުރިއަށް އޮތްތަނުގައި އިވެންޓް ގިނަކޮށް، ތަފާތު ކުޅިވަރުތަކަށް ދިޔުން ކަމަށެވެ.