ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުންނާއި ބޯޑު މެންބަރުކަމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ނުބުނެއެވެ.

ފެނަކައިގެ އެމްޑީގެ މަގާމަށް ނަޖާހު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ފެނަކައިގެ އެމްޑީއަކަށް އައްޔަން ކުރި ނަޖާހަކީ ދިގު މުއްދަތަކަށް ސިފައިންގޭގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފައެވެ.

ނަޖާހަކީ ލޮޖިސްޓިކްސް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފައެވެ.