ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް ބައެއް ހިސާބުތަކަށް 39 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި މަހާއި އަންނަ މަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ހޫނުމިން މަތިވާނެއެވެ. މިއަދު އިހުސާސް ކުރެވޭ ހޫނުމިން އެންމެ މަތިކަމަށް ދައްކަނީ ހދ. ހަނިމާދޫއަށެވެ. އެގޮތުން ކަމަށް މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ހަނިމާދުއަށް އިހްސާސް ކުރެވޭ ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައެވެ.

ނަމަވެސް މިހަފުތާގެ ތެރޭގައި މެދުރާއްޖެތެރެ އާއި ދެކުނަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު މެންދުރު 11 ޖެހިިއިރު:

  • ހަނިމާދޫގެ ހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައި
  • ހުޅުލެއަށް ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްގައި
  • ކައްދޫއަށް ހޫނުމިން ހުރީ 31.6 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.8 ޑިގްރީ ސެލްސިއަސްގައި
  • ކާޑެއްދޫއަށް ހޫނުމިން ހުރީ 30.8 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36 ޑިގްރީ ސެލްސިއަސްގައި
  • ގަމަށް ހޫނުމިން ހުރީ 26.3 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 29.9 ޑިގްރީ ސެލްސިއަސްގައި

ރާއްޖޭގެ އާންމު ހޫނުމިން މިދުވަސްވަރު ހުންނަނީ އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އެއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.

ގަދަ ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
  • ކުޑައަޅައިގެން ބޭރަށް ނުކުތުން
  • ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުން
  • ބޭރަށް ނުކުންނައިރު ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮފި ބޭނުންކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
  • ގިނައިން ފެންބުއިން
  • ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން