އީރާނާއި ދެކޮޅަށް އެމެރިކާޔާއި އިޒްރޭލުން ފަށައިގެން އުޅޭ ހަނގުރާމަޔަށް 39 ދުވަސްވީއެވެ. މަހެއް ނިމި ދެވަނަ މަހުގެ ދުވަސްތައް ގުނެމުންދަނީއެވެ. ހަނގުރާމަ ނިމެންއުޅޭ ކަމުގެ އަލާމާތެއް ނުފެނެއެވެ. ކޮޅެއް މެދެއް ނުފެނެއެވެ. އިވެމުންދަނީ ތަފާތު އަޑުތަކެވެ. ފެންނަމުންދަނީވެސް ތަފާތު މަންޒަރު ތަކެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަމުން ގެންދާ ވާހަކަތަކުން ބައެއް ފަހަރު ހީވެއެވެ. ދެންލަސްތަކެއް ނުވެ ހަނގުރާމަ ނިމިދާނެއެވެ. އަނެއްބައިފަހަރު ހީވެއެވެ. ހަނގުރާމަ މިދަނީ ގޯހުން ގޯހަށެވެ. މަސްތަކެއް ކީއްކުރަން، އަހަރުތަކަކަށްވެސް ދެމިގެން ހިނގައިދާނެއެވެ. ހުސްވި ހަފުތާތެރޭގައި ޓްރަމްޕު ބުންޏެވެ. ހޮރުމުޒް ކަނޑުއޮޅި ނުހުޅުވުނަކަސް ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ފައިދާކުރެވިދާނެއެވެ. ދެފަރާތުގެ މެދުގައި ދެނެގަތުން މިހާރު ދަނީ ގާއިމު ކުރެވެމުންނެވެ. އެމެރިކާގެ މަތީފަންތީގެ އެނޫންވެސް ބައެއް ވެރިން މިމޭރުމުން ވާހަކަ ދައްކާފައިވާތީ ހަމަކަށަވަރުންވެސް މިފަހަރު ކޮންމެވެސް ކޮޅެއްގައި ޖެހޭނެ ކަމަށް ގިނަބަޔަކު ހީކުރިއެވެ.

އެކަމަކު އެހެނެެެއްވެސް ނުވިއެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް ފެނިގެންދިޔައީ ޓްރަމްޕުގެ އަސްލު ކުލައެވެ. މިކަން ދެން މިނިމެނީއޭ ބުނިތާ އެއްދުވަސްފަހުން ފެނުނީ އީރާނުގެ އެންމެ އުސް ފާލަމާއި މިހެންގޮސް މަދަނީ ބޭނުންތަކާއި ގުޅިފައިވާ އެތައް ތަނަކަށް އެމެރިކާއިން ހަމަލަދީ އެތައް ބަޔަކު ފަނާކޮށްލި މަންޒަރެވެ. އީރާނުގެ އާއްމު ރައްޔިތުންގެ ތެރެއިންނެވެ. މި ހަމަލަތައް ދީފައި ޓްރަމްޕު ބުންޏެވެ. އިންސާނުން ހޮހޮޅަތަކުގައި ދިރިއުޅުނު އެންމެ އެވޭލާ ޒަމާނަށް އީރާނު ގަންބައިލާނަމެވެ. ކޮޅަށް އެންމެ އިމާރާތެއް ނުހުންނާނެހެން މުޅި ގައުމު ސުންނާފަތިކޮށްލާނަމެވެ. މިހިރީއަކީ ސުލްހަ ބޭނުންވެގެން، ހަގުރާމަ ހުއްޓާލަން އެދިގެންހުރި ލީޑަރެެއްގެ ފަރާތުން އިވުން އެކަށޭނަ ވާހަކަތަކެއް ނޫނެވެ. ޓްރަމްޕުގެ ދިފާއީވަޒީރު ޕީޓް ހެގްސެތުގެ ބަސްމަގުވެސް ހުރީ މިޒާތަކަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަކީ ބޭކާރު ކަމެކޭވެސް އޭނާ އެބަބުނެއެވެ. ހެދުނު އެއްޗެއް ހަދައި ތަޅައި މަރައި ސުންނާފަތިކޮށް ނައްތާލަންވީއޭވެސް އެބަބުނެއެވެ.

ހަގުރާމަފެށީ އީރާނަށް ޑިމޮކްރަސީ ގެނެސް އީރާނުގެ ރައްޔިތުންނަށް ފަރުދީ މިނިވަންކަން ހޯދައިދިނުމުގެ ނަމުގައެވެ. އީރާނަށް ހުރިހާ ގޮތަކުން އުފާފާގަތިކަމާއި ތަރައްގީ ހޯދައި ދިނުމުގެ ނަމުގައެވެ. އެއީ ދޮގެެެއްކަމާއި އެމެރިކާޔާއި އިޒްރޭލުގެ މަގުސަދަކީ އީރާނު މުޅިން ނައްތައިލުންކަން އެނގެނީ މިދެބައިމީހުންގެ އަމަލާއި ބަސްމަގަށް ބެލީމައެވެ. އެންމެ ގިނައިން ހަމަލަދެނީ އީރާނުގެ ޔުނިވަރސިޓީތަކާއި ގައުމީ ތަރައްގީއާ ގުޅުންހުރި ތަންތަނަށެވެ. ސައިންސާއި ޓެކްނޮލޮޖީއަށް އީރާނުގެ ޒުވާނުން އަހުލުވެރި ކުރުވުމުގެ މަރުކަޒުތަކަށެވެ. ބުރިޖުތަކާއި ފާލަންތަކަށެވެ. ކަރަންޓު އުފައްދާ އިންޖީނުގެތަކާއި މިހެންގޮސް މަދަނީ ތަރައްގީއާ ގުޅުންހުރި ހަމަ ކޮންމެ ތަނަކަށެވެ. ހޮހޮޅަތަކުގައި އިންސާނުން ދިރިއުޅުނު ޒަމާނަށް އީރާނު ގަންބައިލާނަމޭ އެބުނަނީ މިތަންތަނަށް ހަމަލަދީފައެވެ. ބޭނުމަކީ ތަރައްގީއާއި ކުރިއެރުމުގެ ވިސްނުންވެސް އީރާނުން ނައްތައިލުމެވެ. މިކަންކަމަކީ ހަގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މަނާކުރެވިފައިވާ ކަންކަމެވެ. ދިފާއީވަޒީރު ޕީޓް ހެގްސެތު އެވަރަކުން ބައިނަލްއަގުވާމީ ގާނޫނުތައް ބޭކާރޭ ބުނެ ވާހަކަ ދެއްކުމުގެ ސިއްރަކީ މިއީއެވެ. ފެންނަ ފެނުމުގައި އެމެރިކާޔާއި އިޒްރޭލުން މިކަން މިގޮތަށް ކުރުމުގެ ފަހަތުގައި އަދި އެހެން ބޭނުމެއްވެސް އޮވެދާނެއެވެ. އީރާނުން ބުނަމުންދަނީ އެގައުމުގެ ތަންތަނަށް ދެމުންދާ ހަމަލަތަކުގެ ބަދަލުގައި އެމެރިކާއާ ބައިވެރިވެގެން އުޅޭ ގަލްފުގެ އަރަބި ގައުމުތަކުގައިވާ ހަމައެފަދަ ތަންތަނަށް ހަމަލަދޭނެ ކަމުގައެވެ. ބޭންކަކަށް ބޭންކެކެވެ. ތެޔޮވަޅަކަށް ތެޔޮވަޅެކެވެ. އެއަރޕޯޓަކަށް އެއަރޕޯޓެކެވެ. އިންޖީނުގެއަކަށް އިންޖީނުގެއެކެވެ. ބަނދަރަކަށް ބަނދަރެކެވެ. ބޮލަކަށް ބޮލެކެވެ. އެންމެފަހުން އެމެރިކާއިން ހަމަލަ އެދިނީ އީރާނުގައިވާ އެންމެ އުސް ބުރިޖަށެވެ. އެއީ އަސްކަރީ ތަނެއް ނޫނެވެ. މިސައިލް ފެކްޓަރީއެއް ނޫނެވެ. ރިޔާސީ ކިއްލާއެއްވެސް ނޫނެވެ. އެއީ މަދަނީ އިންޖިނޭރިންގެ ލާމަސީލު ތަނެކެވެ.

މިފަދަ ތަނަކަށް ހަމަލަދިނުމުގެ ނިޔަތާމެދުވެސް ސުވާލު އުފެދެއެވެ. އެމެރިކާގެ ބޭނުމަކީ އަދި އިޒްރޭލުގެވެސް އެދުމަކީ ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން ގައުމެއްގައިވާ މިފަދަ އެހެން ތަނަކަށް އީރާނު ލައްވައި ހަމަލަދިނުން ކަމަށް ވެދާނެއެވެ. މިސާލަކަށް ދުނިޔޭގައިވާ އެންމެ އުސް އިމާރާތް އެހެރީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައެވެ. ބުރުޖުޚަލީފާއެވެ. އެކަން އެހެން ކުރެވުނީމާ މުޅި މެދުއިރުމަތި ދާނީ ފަނާވަމުންނެވެ. ހަގީގީ ބޭނުމަކީ މިއީކަމަށްވުމަކީ މުޅިން ދުރުކަމެއްވެސް ނޫނެވެ. ކޮންމެއަކަސް މިހަގުރާމަޔަށް އެއްމަސް ފާއިތުވެގެންދިޔައިރު ފެނުނު އަދި ފެންނަމުންދާ މަންޒަރުތަކަކީ މިއީއެވެ. ދެންއޮތީ ހަގުރާމަޔަށް ނިމުން އަތުވެދާނެގޮތް ކަމަށް ލަފާކުރެވޭ ގޮތެެއްގެ ވާހަކައެވެ. އެއްގޮތަކީ ތިމަންނާމެން މޮޅުވީއޭ ބުނެ ކާމިޔާބު އިއުލާނުކޮށްފައި ދެން މިހިސާބުން މިކަން ނިމުނީކަން އެންގުމެވެ. ކާމިޔާބުވިޔަސް ނުވިޔަސް ދެންވަރިހަމައެވެ. އެމެރިކާއިންވެސް މިކަންކޮށްފާނެއެވެ. އީރާނުންވެސް ކޮށްފާނެއެވެ.

ކަށަވަރުވާ ކަމަކީ އަސްކަރީގޮތުން ފުރިހަމަ މޮޅެއް އެއްވެސް ބަޔަކަށް ލިބިގެން މި ހަގުރާމަ ނިމޭނެ ގޮތެއް ނެތްކަމެވެ. އެމެރިކާގެ ރައީސް ޓްރަމްޕުގެ އީގޯއަކާހެދި ނަތީޖާއަކާ ނުލައި ހަގުރާމަ ހުއްޓާލައިފީމޭ ބުނަން އޭނާއަށް އުދަގޫކަމެވެ. މި ހަގުރާމަ ދަމަހައްޓަންޏާ އެމެރިކާއިން ކުރަންޖެހޭ ހޭދަ ނުހަނު ބޮޑެވެ. ދުނިޔޭގެ އިގްތިސާދަށް އަރަމުންދާ ލޮޅުންތައް ގިނަގުނައެވެ. އެހެންވީމާ މަގުސަދު ހާސިލް ނުވިޔަސް ހަގުރާމައަށް ނިމުން ގެންނަން އެމެރިކާއަށް އެބަ މަޖުބޫރުވެއެވެ. އިޒްރޭލުގެ ނަތަންޔާހޫ އެބަބުނެއެވެ. ތިމަންނާމެން ހާސިލްކުރަން ބޭނުންވި ކަންކަމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު މިންވަރެއް ހާސިލް ކުރެވިއްޖެއެވެ. އެހެން އެބުނަނީ އީރާން ބަލިކުރެވިގެނެއް ނޫނެވެ. ބަލިވާތަން ފެންނާތީއެއް ނޫނެވެ. އެއީ ޔަމަނާއި އިރާގާއި ލުބުނާނާއި ސީރިޔާއާއި އީރާނުން އެއްފަހަރާ އެތައް ހަމަލާއެއް އިޒްރޭލަށް އަމާޒުވެ ގޮތްހުސްވަމުންދާތީ ދެން ހަގުރާމައިން ރެކިގަންނާނެ ގޮތެއް ހޯދުމުގެ ގޮތުން ބުނާ އެއްޗެކެވެ.