ސަރުކާރުގެ ޓެކްސީ ހިދުމަތް، މާލެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ޓެކްސީ ލައިންގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ހިދުމަތް ފަށާފައިވަނީ 150 ކާރާއެކުއެވެ.
ޓެކްސީ ލައިންގެ ހިދުމަތްދޭ އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުގެ މަތީން އެ ހިދުމަތުން އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުން ހިޔާލު ހޯދުމަކީ އެ ކުންފުނީގެ މައިގަނޑު އަޒުމު ކަމަށެވެ.
އެހެންކަމުން އެ މުއްދަތުގައި 1655 ހޮޓްލައިން މެދުވެރިކޮށް ދަތުރުކޮށް ދަތުރު ބުކްކޮށް ހިދުމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ހުޅުވާލާ ކަމަށާއި އެ މުއްދަތުގައި، ކަސްޓަމަރުން ދޭ ހިޔާލާއެކު ހިދުމަތް ފުރިހަމަކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށިގެން ދިޔުމާއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތުގެ ސަބަބުން މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ ދަތިކަމަށް ހައްލު އަންނާނެ ކަމަށާއި، ޓެކްސީ ލައިންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ޓެކްސީ ލައިނުގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ. އަދި ޓެކްސީ ލައިނުގައި ބޭނުންކުރާނީ އިލެކްޓްރިކް ކާރުތަކެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ވެސް ފެށިގެންދާނެކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ރޭ އިއުލާންކުރައްވައިފައެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ