ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އާ ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ،" ޝަރީފް ވިދާޅުވިއެވެ.

އަދި މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ވެސް އެ ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަންދީފައެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާ އިރު، ބީއެމްއެލްގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް އެ ބަޔާނުގައިވެއެވެ.