ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް، ބޯޓެއްގެ މައްސަލައިގައި ކުރާ ދައުވާ ސިވިލްކޯޓަށް ފޮނުވަން ދެވަނަ ފަހަރަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލްކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "މިހިރީ 5" ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 (3.6 މިލިއަން) ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބޯޓު ގަތުމަށްފަހު ކައިޒީންގެ ރުހުންނެތި، ބޯޓު އޭނާގެ ބައްޕަގެ ނަމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ސިވިލްކޯޓުގައި ކައިޒީން އެދިފައިވަނީ، ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅުއްވައިދެއްވައ،ި އޭނާގެ ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީކޮށްފައި ވަނީ އޭނާގެ ރުހުން ނެތިކަމުގައިވާތީ، ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށް އޭނާގެ ބައްޕައަށާއި، ޓްރާންސްޕޯޓް މިނިސްޓްރީއަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގެ ދައުވާއާއެކު، ވަގުތީ އަމުރަކަށް ކައިޒީން އެދިފައިވާތީ، "މިހިރީ 5" ބޯޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގައި، ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އަދި މަަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި އެ ދައުވާއަށް އޭނާގެ ބައްޕަގެ ފަރާތުން ރައްދު ދީފައިނުވާތީ އާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާތީ ބައްޕަގެ ގައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމްކޮށްދިނުމަށް ވެސް ކައިޒީންގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ކައިޒީންގެ ބައްޕަ ދައުވާއަށް ޖަވާބުދީފައި ނުވިނަމަވެސް ކޯޓު އަމުރަށާއި ގައިރު ހާޒިރުގައި ހުކުމް ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ޖަވާބު ދީފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގައި ސިވިލްކޯޓުން ހުކުމް ކޮށްފައިވަނީ، ގައިރު ހާޒިރުގައި ކުރާ ހުކުމްތަކަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 331 ވަނަ މާއްދާގެ ދަށުން ބަދަލު ނުވަތަ ބާތިލުކުރުމަށް ފުރުސަތު އޮތް ހުކުމްތަކަކަށްވާތީ ކައިޒީންގެ ފަރާތުން އެދުނު ގޮތަށް އޭނާގެ ބައްޕަގެ ގައިރު ހާޒިރުގައި ހުކުމްކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ޝަރީއަތުން ނުދެކޭތީ އޭނާގެ ބައްޕަގެ ގައިރު ހާޒިރުގައި ހުކުމް ކުރެވެން ނެތްކަމަށް ނިންމައި، ދައުވާއަށް ރައްދު ހުށަހަޅަން އޭނާގެ ބައްޕައަށް ފުރުސަތު ދިނުމަށެވެ.
މި ހުކުމް ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި އިސްތިއުނާފު މައްސަލައިގައި ކައިޒީންގެ ފަރާތުން ހުށަހަޅާފައިވަނީ، ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށް އޭނާގެ ބައްޕައަށާއި، ޓްރާންސްޕޯޓް މިނިސްޓްރީއަށް އަމުރުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުމަށް ސިވިލްކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ.
މި މައްސަލައިގައި 17 ޖެނުއަރީ 2024 ގައި ހައިކޯޓުން ހުކުމް ކުރީ، މި މައްސަލައިގައި ސިވިލް ކޯޓް އަމުރަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް ބާތިލުކޮށް، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ އަލީގައި، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި، ކައިޒީންގެ ފަރާތުން ހުށަހެޅި ފޯމުގައިވާ ކަންކަމާމެދު އަލުން ބަލައި ކޯޓުން ގޮތެއް ނިންމުމަށްޓަކައި ސިވިލްކޯޓަށް މައްސަލަ ތަހުވީލު ކުރާ ކަމަށެވެ.
އެކަމާ ގުޅިގެން ދެވަނަ ފަހަރަށް ސިވިލްކޯޓުން މައްސަލަ ބަލައި ހުކުމްކުރީ، އެ ބޯޓު ގަތުމަށް ކައިޒީންގެ ފަރާތުން އޭނާގެ ބައްޕައަށް ދިން ކަމަށްބުނާ ފައިސާ ދިން ގޮތާއި ދިން އަދަދާއި ހެކިވެރިޔާގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މި ސަބަބަށްޓަކައި އެ ބޯޓަކީ ކައިޒީން 3.6 މިލިއަން ރުފިޔާ ދީގެން، އޭނާގެ ބައްޕަ ގަނެފައިވާ ބޯޓެއްކަން މަދަނީ މިންގަނޑުން ސާބިތު ނުވާ ކަމަށް ހުކުމުގައިވެއެވެ.
ސިވިލްކޯޓުގެ މި ނިންމުންވެސް ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސިވިލްކޯޓުގެ ހުކުމް ބާތިލު ކަމަށް ކަނޑައަޅައި މިފަހަރު، 28 އޮކްޓޫބަރު 2025 ގައި ހައިކޯޓުން ހުކުމްކުރީ މި މައްސަލައިގައި ދައުވާ ލިބޭ އިބްރާހިމް އަލިފުޅުގެ ފަރާތުން ހުށަހެޅި ދައުވާގެ ދިފާއުއާއެކު ޝަރީއަތް ހިންގުމަށް މި މައްސަލަ ސިވިލްކޯޓަށް ފޮނުވުމަށެވެ.
ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅީ ހައިކޯޓުން ކުރި މި ހުކުމެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް
ކައިޒީން އަށް 3.6 މިލިއަން ލިބުނީ ކިހިނަކުންތޯ ބެލުންވެސް މުހިންމު ކަންނޭގެ. ދެން ކައިޒީން ބައްޕައަށް ދިން ހަދިޔާ އެއްކަމަށް ބަލައި ނިންމާލަމާ މިޑްރާމާ ދޯ.
ކައިޒީން - 3 މަސް ކުރިން