އުސޫލާ ހިލާފަށް ހުޅުމާލެއިން ޕާކިން ސްލޮޓްތައް ދޫކުރާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.
އެ ވާހަކަތަކާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޕޮކެޓް ޕާކިން ދޫކުރުމަށްޓަކައި، އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އިއުލާނުކުރުމާއެކު އެ ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ އިރު، އުސޫލުގެ ތެރެއިން އެ ފަރާތްތައް އިވެލުއޭޓުކޮށް ޝަރުތު ހަމަވި ފަރާތްތަކުގެ ލިސްޓު އެޗްޑީސީގެ ވެބްސައިޓުގައި އާންުމުކޮށް ފެންނާނެހެން ޝާއިުކޮށްފައިވާނެ ކަމަށެވެ.
އެގޮތަށް އާންމުކޮށް އިއުލާނުކޮށް، ހާމަކަން ބޮޑުގޮތެއްގައި ފާކިން ސްލޮޓުތައް ދޫކުރުމުގެ މައްސަކަތް ކުރިއަށްދަނިކޮށް، އެކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާގޮތަށް ހަގިގަތާ ހިލާފު މައުލޫމާތު ފަތުރަމުން ގެންދިއުމަކީ އެ ކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
"މީގެ އިތުރުން ވަކި ބަޔަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ޕާކިން ސްލޮޓުތައް ވިއްކަމުންދާ ކަމަށްބުނެ މި ކޯޕަރޭޝަންގެ އިތުބާރު ގެއްލޭގޮތަށް މައުލޫމާތު ޝާއިއުކޮށްފައިވާތީ އެކަން މި ކޯޕަރޭޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ..،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށާއި އެ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ޝާއިއު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ