ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން، ގިނަ އަދަދެއްގެ އަސާސީ މުދާ ރާއްޖެ ގެންނަން އިންޑިއާއިން ހުއްދަދީފިއެވެ.

އިންޑިއާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމުގެ ދަށުން 2027 ވަނަ އަހަރާ ހަމައަށް ހާއްސަ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ ކަމަށެވެ. އެތަކެއްޗަކީ ބިހާއި ފިޔާ، އަލުވި، މުގު، ހަނޑޫ، ހަކުރު، ފުށް އަދި ހިލަ އާއި ހިލަވެއްޔެވެ.

މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރި ފަހުން، އެއްފަހަރާ މިހާ ގިނަ މުދާ އެތެރެކުރަން ހުއްދަ ދިން ފަހަރު ކަމަށް އިންޑިޔާ ހައިކޮމިޝަނުން ބުންޏެވެ.

އިންޑިއާ ސަރުކާރުން ބުނީ އެ މުއްދަތު އިތުރުކޮށްދީފައިވަނީ އެ ގައުމުގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އަސާސީ ކާބޯތަކެއްޗާއި އިތުރު މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައި ވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ.

ދެހާސް އެކާވީސް ވަނަ އަހަރު މި ބާވަތްތަކަށް އެދި ހުށަހެޅުމުން އިންޑިއާއިން ހުއްދަ ދީފައި އޮތީ ތިން އަހަރަށެވެ. އެ ހުއްދަ 2024 ގެ މާޗް މަހަށް ހަމަވުމުން، އެ ފަހަރު ހުއްދަ އިތުރުކޮށްދިނީ އެއް އަހަރަށެވެ. ނަމަވެސް އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތުގައި ވެސް، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި މި ބާވަތްތައް އަބަދުވެސް ލިބެއެވެ.