ސިޔާސީ ވިސްނުން ދޫކޮށްލުމަށްފަހު، ގައުމާއި، ރަށް އިސްކޮށްގެން ވޯޓު ދޭންވީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށާއި، އޭރުން ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ނަތީޖާތަކެއް ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކައުންސިލްތަކީ ސަރުކާރުގެ ބައެއް ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން ވަނީ ރަށްރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވާފައި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ދެން އޮތީ ދެ އަހަރުވަރު ކަމަށާއި ސަރުކާރާ ދެކޮޅު މީހަކު ކައުންސިލަށް އިންތިހާބުވެއްޖެ ނަމަ، އެ ފަރާތަކުން މަސައްކަތް ކުރާނީ ސިޔާސީ ބޭނުމެއްގައި، ސަރުކާރުން ރަށުގައި ހިންގާ މަޝްރޫއުތަކާ ދެކޮޅަށް ނުވަތަ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުން ހުއްޓުވަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަވާންޖެހޭ ޒިންމާދާރު ބަޔަކަށް. ގައުމީ އިސްކުރާ ބަޔަކަށް، އިސްކޮށްގެން އަޅުގަނޑުމެންގެ އަތްމައްޗަށް މި އަންނަ އަޅުގަނޑުމެންގެ ގާނޫނީ ހައްގު، ވޯޓުލުމުގެ ހައްގު ހެޔޮގޮތުގައި ބޭނުން ހިފާ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި، އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަށްޓަކައި، އެ ވޯޓު ހެޔޮގޮތުގައި ދޭ ބަޔަކަށްވާން. އެގޮތުގައި ވޯޓު ދޭއިރުގައި ވޯޓު ދޭންވީ، އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާހުރި ގޮތުގައިކަން އަޅުގަނޑުމެން ނިންމާ ބަޔަކަށްވާން،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ކައުންސިލް އިންތިހާބުގައިވެސް، ޑަބްލިޔުޑީސީ އިންތިހާބުގައިވެސް އަދި ރިފަރެންޑަމް އިންތިހާބުގައިވެސް، މިއޮތީ ތިން އިންތިހާބު އެއް ދުވަހެއްގައި، ތިން އިންތިހާބު މިއޮތީ އެއް ދުވަހެއްގައި. މި ތިން އިންތިހާބުގައި ލިބޭ ތިން ކަރުދާސްކޮޅުގައިވެސް އަޅުގަނޑުމެން މި އެދޭ ގޮތަށް އެއީ ޕީއެންސީގެ ކައުންސިލް މޭޔަރާއި، ރައީސުންނާއި، މެންބަރުންނާއި، ޕީއެންސީގެ މެންބަރުންނަށް ވޯޓު ދިނުމަށް"

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މެންބަރެއް ކަމަށްވިޔަސް، ވިސްނަންވާނީ އަމިއްލަ ސިކުނޑިން ކަމަށާއި ޕާޓީއަށް ސިކުނޑު ވިއްކާލައިގެން ނުވާނެ ކަމަށެވެ.