ގައުމީ މަސްލަހަތު ދޫކޮށް، ސިޔާސީ ކަންކަމަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް ރައްޔިތުން ވެގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ގައުމަށް ފައިދާވުމުގެ ބަދަލުގައި ވަނީ ގެއްލުން ކަމަށާއި، އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ރައީސް ވިދާޅުވީ ހަގީގީ ޑިމޮކްރަޓިކް ނިޒާމެއް ލިބެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މަޖިލިސް އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށްގެންގޮސްގެން ކަމަށެވެ. އެކަން ކުރެވެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން އެއީ ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި އަމިއްލަ ނަފުސު ސިފަކުރެވެން ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކި ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުވުމުން ސަރުކާރާއި، މަޖިލިސް ވަކިވެ، ހަގީގީ މާނައިގައި މަޖިލިސް މެންބަރުންނަށް ސަރުކާރު ޒިންމާދާރުކުރެވެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ތިން ބާރު އެއްވުމުގެ އާދަކާދަވެސް ނިމިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުންދަނީ ތިން ބާރު އެއްކޮށްގެން ތިބެ، އެކަން އެގޮތުގައި ދަމަހައްޓަން ބޭނުންވާ މީހުން ކަމަށެވެ.

"މިކަންކަން މިހެން ވިޔަނުދޭން ބޭނުންވާ މީހުން މިއަދު އެ އުޅެނީ ރެއާ ދުވާލު ނުނިދާ ކައުންސިލް އިންތިހާބަކާ، ކައުންސިލް އިންތިހާބު ދޫކޮށްލާފަ މިކަމާ. މިއީ އަޅުގަނޑުމެންގެ ތެެރޭގައި ސާފުކޮށް ފެންނަން ހުރި ކަންކަން. އެހެންވީމާ އަޅުގަނޑުމެން އެބަވާންޖެހޭ މިކަންކަމަށް ލޯ ހުޅުވިފައި އަޅުގަނޑުމެންގެ އަމިއްލަ ސިކުނޑިން ވިސްނާ ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ޕާޓީއެއްގެ މެންބަރެއްކަމަށް ވިޔަސް ވިސްނަންވާނީ އަމިއްލަ ސިކުނޑިން ކަމަށާއި ޕާޓީއަށް ސިކުނޑު ވިއްކާލައިގެން ނުވާނެ ކަމަށެވެ.