ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް މިއަދު ހެނދުނު 11:00 އިން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މިއީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ދޫކުރުމަށް ހާއްސަކޮށްގެން ތައާރަފުކުރި ކެޓަގަރީއެކެވެ.

އެއާ ބެހޭ އުސޫލުގައިވާ ގޮތުން ބިންވެރިޔާގެ ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ވެސް އާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެއެވެ.

މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން، 1250 އަކަފޫޓުގެ ގޯއްޗެވެ.

މި އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ:

  • ކެޓަގަރީ-1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް
  • ކެޓަގަރީ–2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހައުސިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ގުޅައިގެން ލިބޭނެ ކަމަށެވެ. އަދި މި މިނިސްޓްރީގެ އީމެއިލް:[email protected] އަށް ހުށަހަޅައިގެންވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.