މިއަދަކީ 1995ގައި ވުޖޫދުވެގެން އައި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އަށް 31 އަހަރު ފުރުނު ދުވަހެވެ. މި ދިގު މުއްދަތުގައި އެ ކުންފުނިން ވަނީ ރައްޔިތުންނަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ކާބިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރެއިން މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގައި އެމްޑަބްލިޔުއެސްސީ އުފެދިގެން ދިއުންވީ މި މުޖުތަމައުއަށް ސިއްހީ ރައްކާތެރިކަމާއި މިގައުމުގެ ތަރައްގީއަށް ލިބިގެންދިޔަ އިތުރު ބިންގަލަކަށެވެ.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައިއިރު މާލެ ސަރަހައްދުގެ 60،000 މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ތިބީ އެ ކުންފުނީގެ އެންމެ 60 މުވައްޒަފުންނެވެ. ނަމަވެސް މިހާރު މިވަނީ ގާތްގަނޑަކަށް ރާއްޖޭގެ 50 ޕަސެންޓު އާބާދީއަށް ކޭޓާކުރާވަރަށް އެ ކުންފުނީގެ މަސައްކަތް ތަރައްގީކޮށްފައެެވެ. އެއީ ދެލައްކަ މީހުންގެ އާބާދީއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ހިދުމަތާއެކުގައެވެ. އެމްޑަބްލިޔުއެސްސީގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު 1000 އަށްވުރެ ގިނައެވެ. މިއަދު އެމްޑަބްލިޔުއެސްސީ ފާހަގަކުރެވިފައިވަނީ 100 ޕަސެންޓު ދިވެހިންގެ މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަހުރުވެރި ކުންފުންޏެއްގެ ގޮތުގައެވެ.
މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ކުޅުދުއްފުށީ ސިޓީގައި އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުންވެސް ރ. ދުވާފަރުގައި ފެނާއި ނަރުދަމާއާއި ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދެއެވެ.
އެމްޑަބްލިޔުއެސްސީން ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް:
- ކުންފުނި އުފެދިގެން އައިއިރު ފެން އުފެއްދުމުގެ ގާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރުގައި.
- މިހާރު ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ހާލަތްތަކުގައި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަންނަނީ އަޅަމުން. އެގޮތުން މިދިޔަ އަހަރު މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓި.
- ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓާއި 2500 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓެއް ބެހެއްޓި.
- މާލޭ ސަރަހައްދުގައި ޖުމުލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކޮށްފައި.
- ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވޭ.
- މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމުލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކޮށްފައި.
އެމްޑަބްލިޔުއެސްސީން ވަނީ ޖުމުލަ 25 އިންސަތައިގެ ކުރިއެރުމެއް ހޯދައިފައެވެ. އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީގޮތުން ބޭނުންކުރަން ފެށުމާއެކު، ބޭނުންވެއްޖެ ހާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެ ގޮތް ވަނީ ހަޖައްސައިފައެވެ.
އެމްޑަބްލިޔުއެސްސީން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ހިދުމަތުގެ ޔަގީންކަށް ކަށަވަރުކުރުމުގެ ގޮތުން، ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓެއް ބަހައްޓައި، ބޭނުންކުރަން ވަނީ ފަށައިފައެވެ. އޭގެ ސަބަބުން އެ ސިޓީގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި، ކުރިއާ އަޅައިބަލާއިރު ޖުމުލަ 27 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހާސިލުކޮށްފައެވެ.
އަތޮޅުގެތެރޭގެ ރަށްތަކުން ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި، އިތުބާރުހުރި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިއުގަ އިތުރުކޮށް، ދުވާފުރުގެ ކަރަންޓު އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވުމުން، ކަރަންޓު އުފެއްދުމުގެ ގާބިލުކަން 16 ޕަސެންޓު ވަނީ އިތުރުކޮށްފައެވެ.
އެމްޑަބްލިޔުއެސްސީގެ އިތުރު ކާމިޔާބީތައް:
އެމްޑަބްލިޔުއެސްސީގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތަތުގެ ފެންވަރު ރަނގަޅުކުރުމަށް "ދިވެހިރާއްޖެ 2.0"ގެ ދަށުން ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއިފަސޭހަ ގޮތެއްގައި ހިދުމަތްދިނުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އޭގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ބިލު ދެއްކުމާއި، ހިދުމަތަށް އެދުމާއި، ބިލުގެ ތަފްސީލު އަދި ފެން ބޭނުންކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ބަލައިލެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. އެ ހިދުމަތްތަކާއެކު، ޕްރިޕެއިޑް އަދި ސްމާޓް މީޓަރުގެ އާ ހިދުމަތް ތައާރަފުކުރުމަށް ވެސް އެމްޑަބްލިޔުއެސްސީ އަންނަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގެ އެކިއެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގެ ދައުރު:
- ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުމުލަ 111 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައި.
- މިއަހަރު ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، އިތުރު ހަ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ހަތް މަޝްރޫއެއްގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއެކު އެމްޑަބްލިޔުއެސްސީން ވަނީ ސޮއިކޮށްފައި.
- އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ އިރު، ދެންހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުން.
އެމްޑަބްލިޔުއެސްސީ އުފެދިގެން އައީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ، ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައިވީ ނަމަވެސް، 31 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމްޑަބްލިޔުއެސްސީ އަކީ އިންޖިނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ގާއިމުކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީން އަންނަނީ ކުރަމުންނެވެ. އެ ހިދުމަތްތަކުގެ އިތުރުން ވެސް، އެމްޑަބްލިޔުއެސްސީ ޝޯރޫމުން ފެނާއި ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އަދި އެ ކުންފުނީގެ އައިއެސްއޯ 17025: 2005 ސްޓޭންޑާޑުގެ ލެބޯރެޓަރީން ދަނީ ރިސޯޓުތަކާއި ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީގެ އުފެއްދުންތެރިކަމުގެ ދާއިރާ:
- ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކާރުހާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުން.
- ކ. ގުޅުފަޅުގައި ގާއިމުކޮށްފައިވާ ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާގެ މަސައްކަތްތައް.
- ފެން ވަޔަރުކުރުމަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓު ވަޔަރުކުރުމަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތުގައި ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމެވެ.
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ