އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާއާއެކު ފެށިފައިވާ ހަނގުރާމަ ހުއްޓާލުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވޭ ސަލާމަތީ ޔަގީންކަންތަކެއް ދިނުމަށް އީރާނުން ޝަރުތުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ އެއްބަސްވުމަށް އީރާނުން ވަނީ ދެކޮޅު ހަދައިފައެވެ.

އެމެރިކާގެ ހުށަހެޅުމުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާއި މިސައިލް އުފެއްދުން މަދުކުރުން ހިމެނެއެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އަމިއްލަ ފަސް ޝަރުތެއް ކުރިމަތިކޮށް، ޑިޕްލޮމެޓިކް އާ މަރުހަލާއަކަށް މަގުފަހިކޮށްފައެވެ. ނަމަވެސް އީރާނުގެ އެ ޝަރުތުތަކުގެ ސަބަބުން، މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

އީރާނުން ކުރިމަތިކުރި ފަސް ޝަރުތުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކުރިމަގުގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާނުދޭނެކަމުގެ ބައިނަލްއަގުވާމީ ގާނޫނީ ޔަގީންކަމެއް ހޯދުމެވެ. އޭގެ އިތުރުން، އީރާނުގެ އިސްވެރިން އަވަހާރަކޮށްލުމަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ހަނގުރާމައިގެ ގެއްލުމުގެ ބަދަލު މާލީގޮތުން ހޯދުމާއި، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ދޮރާށި ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިނގާނެކަން ބަލައިގަތުން ހިމެނެއެވެ. އަދި ލުބުނާނުގެ ހިޒްބުﷲ ހިމެނޭހެން ހުރިހާ ރާސްތާއެއްގައި ހިނގަމުންދާ ހަނގުރާމަތައް އެއްފަހަރާ ހުއްޓާލުމަށްވެސް އީރާނުން ވަނީ ޑިމާންޑްކޮށްފައެވެ.

އެމެރިކާގެ ހުށަހެޅުންތަކާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އިއްޔެ ވިދާޅުވީ، އެމެރިކާގެ ހުށަހެޅުންތަކަކީ "ހައްދުފަހަނަޅާފައިވާ، ހަގީގަތާ ހިލާފު އަދި ބުއްދި ގަބޫލުނުކުރާ" ހުށަހެޅުންތަކެއް ކަމަށެވެ. އަދި ހަމަލާތައް ކުރިއަށްދާހާ ހިނދަކު ސުލްހައިގެ ވާހަކަތަކެއް ނުދެކެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާއާ ފޯނުން ގުޅުއްވައި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިޔަން މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ނިޔަތް އޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހަމަލާތައް އަލުން ތަކުރާރުނުވާނެކަމުގެ ފުރިހަމަ ޔަގީންކަމެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.