މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 540 ހައުސިން ޔުނިޓު ހެދުމަށް ނިންމައިފިއެވެ.
ބީއެމްއެލުން މީގެ ކުރިން ނިންމާފައިވަނީ މާލޭ ސަރަހައްދުގައި ޖުމުލަ 3،260 ހައުސިން ޔުނިޓު ހެދުމަށެވެ. އެގޮތުން 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"އާ ވަނީ ހަވާލުކޮށްފައެވެ.
ބީއެމްއެލުން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 364 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންއަށް އިތުރު ހައުސިން ޔުނިޓް ހެދުމަށް ބިން ހަމަޖައްސައިދީފައި ކަމަށެވެ.
"މިގޮތުން އަޅުގަނޑުމެން މިވަނީ އިތުރު 540 ޔުނިޓު ގާއިމުކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމައިލެވޭނެ ގާބިލު ދިވެހި ކުންފުންޏަކާ ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުން. އެހެންކަމުން މިއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސީން އިން ޖުމުލަ 3800 ޔުނިޓު ތަރައްގީކުރެވިގެންދާނެ. އުންމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓުގެ މަސައްކަތް ވެސް ފެށިގެންދިއުން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންއަށް ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން އިމާރާތްކުރާ ޔުނިޓުތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް އެ ސްކީމުގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދީފައިވާ ކަމަށެވެ.
އުންމީދަކީ ކުރިއަށްއޮތްތަނުގައި އެހެން ބޭންކުތަކުން ވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމުގައި ބައިވެރިވުން ކަމަށާއި އެގޮތަށް އެހެން ބޭންކުތަކުން އެ ސްކީމުގައި ބައިވެރިވެއްޖެ ނަމަ، ބީއެމްއެލުން ގާއިމުކުރާ 3800 ޔުނިޓުގެ ތެރެއަށް ޔުނިޓުތައް އިތުރުވެ، ޖުމުލަ 5000 ޔުނިޓު ހަމަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގެ ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާ އަދާކުރާ ދާއިރާ ކަމަށާއި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބީއެމްއެލުން ގާއިމުކުރާ 3800 ހައުސިން ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާއަށްވުރެ ގިނައިން އިންވެސްޓުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަންދާޒާއަކީ މި އިންވެސްޓުމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީއަށް ގާތްގަނޑަކަށް ތިން ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް. މިފަދަ ބޮޑު މަޝްރޫއަކާއެކު މި ދާއިރާގެ ކުންފުނިތަކަށާއި މުދާ އެތެރެކުރާ ހޯލްސޭލަރުންނަށާއި އަދި ރީޓެއިލް ފިހާރަތަކުގެ އިތުރުން ސަޕްލަޔަރުންނަށް ވެސް ކުރިއެރުން ލިބިގެންދާނެ. މި ކުރިއެރުމުގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ޝާމިލުވުން ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ބީއެމްއެލުން ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ހަދާ 1،224 ހައުސިން ޔުނިޓުގެ ބިންގާވެސް އަޅައިފައެވެ. މިމަހުގެ 26 ވަނަ ދުވަހު ވަނީ ވިލިމާލޭގައި ހަދާ 300 ފުލެޓުގެ ބިންގާ އަޅާފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އަޅައިފައެވެ. އަދި އިއްޔެ ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ ވެސް އަޅައިފައެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް