މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލެ ފޭސް އެކެއްގައި ހަދާ 364 ފުލެޓުގެ ބިންގާ މިރޭ އަޅައިފިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"އިން އެ ހައުސިން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.

ފޭސް އެކެއްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމްގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ ޗެއާމަން އަބްދުﷲ މުހައްމަދާއި އެ ކުންފުނީގެ އިސްވެރިންނެވެ.

ބީއެމްއެލުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފޭސް އެކެއްގައި 900 އަކަފޫޓުގެ 364 ހައުސިން ޔުނިޓު އިމާރާތްކުރުމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންއަށް އިތުރު ހައުސިން ޔުނިޓް ހެދުމަށް ބިން ހަމަޖައްސައިދީފައި ކަމަށާއި އެގޮތުން އިތުރު 540 ޔުނިޓު ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެއާއެކު ބީއެމްއެލް އެފޯޑަބަލް ހޯމް ލީސީން އިން ޖުމުލަ 3800 ޔުނިޓު ތަރައްގީކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

31 މާޗް 2026، ބީއެމްއެލުން ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބީއެމްއެލުން މާލޭ ސަރަހައްދުގައި ޖުމުލަ 3،260 ހައުސިން ޔުނިޓު ހެދުމަށް ވަނީ ހަމަޖެހިފައެވެ. 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.

ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން، އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.

ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުގައެވެ.

ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ބީއެމްއެލުން ވަނީ ހުޅުމާލެ ފޭސް ތިނެއްގައި ހަދާ 1،224 ހައުސިން ޔުނިޓުގެ ބިންގާވެސް އަޅައިފައެވެ. މިމަހުގެ 26 ވަނަ ދުވަހު ވަނީ ވިލިމާލޭގައި ހަދާ 300 ފުލެޓުގެ ބިންގާ އަޅާފައިވާ އިރު، މިދިޔަ އާދީއްތަ ދުވަހު ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އަޅައިފައެވެ. އަދި އިއްޔެ ވަނީ ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ ވެސް އަޅައިފައެވެ.