އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން ހަނގުރާމަ ފެށިތާ އެއްމަސް ފުރެނީއެވެ. ރައީސް ޓްރަމްޕު ބޭނުންވި ނަތީޖާ ހާސިލެއް ނުކުރެވުނެވެ. ހާސިލްކުރެވޭނޭ ކަމުގެ އުންމީދެއްވެސް ނެތެވެ. މިހާރު ޓްރަމްޕަށް އޮތީ މިކަމުން ބޯދަމައިގަނެވޭނެ ކޮންމެވެސް ގޮތެއް ހޯދުމެވެ. ޓްރަމްޕުގެ ކުރިމަތީގައި އޮތީ ތިން ގޮތެކެވެ. އެއްގޮތަކީ ގޮތްދޫކޮށް ވާހަކަ ދައްކައިގެން އެންމެ ފަސޭހައިން އީރާނަށް އެއްބަސްވެވޭނޭ ބީދަޔަކުން އަވަސް ޑީލެއް ހެދުމެވެ. އެ ޑީލްގެ ދަށުން ހަނގުރާމަ ހުއްޓައިލުމެވެ. އެގޮތް އިޚުތިޔާރުކޮށްފިނަމަ އެމެރިކާގެ މަގާމާއި ހައިސިއްޔަތު ބަލިކަަށިވީ ކަމަށް ދުށުމަށް ފުރުސަތު އޮންނާނެއެވެ. ޓްރަމްޕުގެ އީގޯއަށް ވިސްނާއިރު މިއީ އޭނާއަށް ބޯން ވަރަށް ހިތިބޭހަކަށް ވާނެއެވެ. މިއީ ނިންމަން ފަސޭހަ ނިންމުމަކަށްވެސް ނުވާނެއެވެ. ދެވަނަ ގޮތަކީ ހަނގުރާމަ މިހާރަށްވުރެވެސް ވަރުގަދަކޮށް ފުޅާކުރުމެވެ. މިހާތަނަށް ބޭނުންކުރި ހަތިޔާރަށްވުރެ ވަރުގަދަ ހަތިޔާރު ބޭނުންކުރުމާއި ހަމަލަދޭ ތަންތަން އިތުރު ކުރުމެވެ.

އެގޮތް އިޚުތިޔާރުކޮށްފިނަމަ އެއީ ހަމަކަށަވަރުންވެސް ހަނގުރާމަ އިތުރަށް ދިގުލައި ޚަރަދުތައް ބޮޑުވެ ދުނިޔޭގެ އިގްތިސާދަށް ލޮޅުން އެރުން އިތުރުވެގެންދާނޭ ކަމެކެވެ. މިހާރުވެސް އެމެރިކާ އެއޮތީ މިދަންތުރައިގައި ޖެހިފައެވެ. ތެލާއި ގޭހުގެ އަގު އެއޮތީ އުފުލިފައެވެ. އަދިވެސް ދަނީ އުފުލެމުންނެވެ. ދުނިޔޭގެ އެންމެހައި ގައުމުތަކުގެ ރައްޔިތުންވެސް ހަކަތަ ލިބިގަތުމަށް ކުރަންޖެހޭ ހޭދަތައް އިތުރުވެ ޖީބުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން މި ހަނގުރާމަޔާ ދެކޮޅުހަދާ މީހުން ގިނަވެ ހަނގުރާމަ ދަމަހައްޓަން ބާރުއަޅާ ސިޔާސީ މީހުންގެ މަގުބޫލްކަން ދަނީ ކުޑަވަމުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ސަރުކާރުގެ ބޮޑުން ހިމެނޭގޮތުންނެވެ. ޚުދު ރައީސް ޓްރަމްޕުގެ ތާއީދުވެސް ވަނީ 36 އިންސައްތައަށް ސޮއްސާލައިފައެވެ. އީރާނުގެ އަސްކަރީ ކެރިކުޅަދާނަކަން ނައްތައެއް ނުލެވެއެވެ. އީރާނުގެ ސިޔާސަތަށް ބަދަލެެއް ނުގެނެވުނެވެ. އީރާނު ބިރުގަންނަވައެއްވެސް ނުލެވުނެވެ. ހޮރުމުޒް ކަނޑުއޮޅި އެއޮތީ އަދިވެސް ބަންދުވެފައެވެ.

އެތަނުން ހުރަސްކުރެވެނީ އީރާނުން ހުއްދަދޭ ބަޔަކަށެވެ. އީރާނުގެ ޝަރުތުތަކަށް ބޯލަނބާ ބަޔަކަށެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވެންއޮތީ އެމެރިކާ އެދޭ ބީދަޔަކުން މި ހަނގުރާމަ ނިންމައިލުމަށް އޮތް ފުރުސަތު ހަނިވަމުން ބީވަމުންދާ ކަމުގައެވެ. އީރާނުގެ އެޑްވާންޓޭޖު ގިނަވަމުން މަގާމު ވަރުގަދަވަމުންދާ ކަމުގައެވެ. މިހާރު މިއޮތީ މުޅިން އެހެން މަރުހަލާއެއް ފެށިފައެވެ. މިއީ މޮޅުވުމާއި ބަލިވުމުގެ މައްޗަށް އެކަނި ބިނާވެފައިވާ މަރުހަލާއެއް ނޫނެވެ. މިއީ ޓްރަމްޕާއި އޭނާގެ ސަރުކާރު ސިޔާސީގޮތުން އެންމެ ކުޑަކޮށް ކަތިލެވިގެން ޓްރަމްޕުގެ ވެރިކަން ނުނިމި ސަލާމަތްވެވޭނެ މަގަކީ ކޮބައިކަން ބެލުމުގެ މަރުހަލާއެވެ. ސިޔާސީގޮތުން ޓްރަމްޕު ޒަޚަމްނުވެ ދެން މިކަމުން ބަޗައިގަނެވޭނެ ހަމައެެއްވެސް މަގެެއް ނުވެއެވެ. އެހެންވީމާ އެންމެ ކުޑަ ގެެއްލުމެެއް ލިބިގެން ދެން ބެޗޭނެ މަގަކީ ކޮބައިކަމާމެދު ޓްރަމްޕު އެހެރަގެންދަނީ ވިސްނަމުން ފިކުރު ކުރަމުންނެވެ. އެގޮތަށް ވިސްނާއިރު އޭނާގެ ކުރިމަތީގައި އޮތް ތިން މަގުގެ ތެރެއިން ދެ މަގު މަތީގައި ބަޔާން ކުރެވުނީއެވެ.

އެއްގޮތަކީ ޑީލެއް ހަދައިގެން އަވަހަށް ދުރަށް ދިއުމެވެ. އެހެންނޫނީ ހަނގުރާމައިގެ ތެރެއަށް މިހާރަށްވުރެ ފުނަށް ފީނުމެވެ. ޓްރަމްޕު އެހެރީ މިދެގޮތުގެ މެދުގައި ތާށިވެފައެވެ. ފެންނަ ފެނުމުގައި މިއިން އެއްގޮތަކުންވެސް ޓްރަމްޕަށް ކާމިޔާބީއެއް ނެތެވެ. އެހެންވީމާ ދެންއޮތީ ތިންވަނަ މަގެވެ. އެންމެ ނުރަައްކާތެރި މަގެވެ. އެމަގަކީ ކޮބައިހެެއްޔެވެ. އެމަގަކީ އެއްގަމުން އީރާނަށް އަރައި ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ހިންގާ ބާރު ކަނޑުވައިލުމެވެ. މިހާތަނަށް އެއްމަސްވަންދެން ކުރެވުނު ހަނގުރާމައިގައި އެއްވެސް ބަޔަކު އެެއްގަމު ސިފައިން ބޭނުމެއް ނުކުރެއެވެ. ހަނގުރާމަ ކުރެވެމުންދަނީ މުޅިންވެސް ވައިގެ މަގުންނެވެ. ޖެޓާއި ޑްރޯނާއި މިސައިލުންނެވެ. އެ ހަނގުރާމައިން އެމެރިކާއަށް ކުރި ނުލިބުނީމާ މިހާރު ތައްޔާރުވަމުންދާ ކަމަށް ބުނެވެނީ އެއްގަމުން އަރައިގަތުމަށެވެ. އީރާނުގެ އައްސޭރީގައިވާ ބައެއް ޖަޒީރާތައް ފޭރިގަތުމަށެވެ. ޚާއްސަގޮތެއްގައި އީރާނުގެ ޚަރްގު ޖަޒީރާ އަތުލައިގަތުމަށެވެ. މި ޖަޒީރާއަކީ އީރާނުގެ ތެލުގެ ސިނާއަތުގެ އެންމެ މުހިންމު ހަބެވެ.

ދެންހުރީ ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައިވާ ޖަޒީރާތަކެވެ. މިތަންތަން ފޭރިގަތީމާ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ދޫކޮށްލާފައި ފަހަތަށް ޖެހިދާނެ ކަމަށް ޓްރަމްޕުގެ ބައެއް އެޑްވައިޒަރުން އެބަހީކުރެއެވެ. އަދި ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކުގައި އީރާނުގެ ޕޮޒިޝަން ހީނަރުވެ އެމެެރިކާގެ ޕޮޒިޝަން ވަރުގަދަވާނެ ކަމަށްވެސް އެމީހުން ހީކުރެއެވެ. އެހެން ހީކުރާ ސަބަބަކީ ދުނިޔޭގެ ތެލުގެ އަގު ކުޑަކުރުމާއި ބޮޑުކުރުމުގެ ބާރު އީރާނުގެ މުށުތެރެއިން ދަމައިގަތުމަށް އޮތް ހަމައެކަނި ގޮތަކީ މިއީކަމަށް ފެނުމެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާއެކު އީރާނުން އެނެގީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ކޮންޓްރޯލެވެ. އެ ކޮންޓްރޯލް ލިބުނީމާ އީރާނުގެ ޕޮޒިޝަން އެއޮތީ ކިތަންމެހައިވެސް ވަރުގަދަ ވެފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އީރާނުގެ ޖަޒީރާތަކެއް ހިފިދާނެ ބާވައެވެ. އެއްގަމުން އީރާނަށް އަރައިގަނެވިދާނެ ބާވައެވެ. އެއީ ކޮންގޮތަކުން ކިހައިވަރެެއްގެ އަގެެއް އަދާކޮށްގެން ކުރެވިދާނެ ކަމެއް ބާވައެވެ.

އެމެރިކާގެ އެއްގަމު ސިފައިންގެ ލަޝްކަރެއް މިހާރުވަނީ މެދުއިރުމައްޗަށް ފޮނުވައިފައެވެ. މާބިޔަ ލަޝްކަރެއް ނޫނެވެ. މިއީ ގާތްގަޑަކަށް ތިންހާސް ފަސްސަތޭކަ ސިފައިންގެ މައްޗަށް އެކުލެވޭ ލަޝްކަރެކެވެ. ބޭނުމަކީ އީރާނަށް އަރައި އީރާނު ހިފަން ދިމާކުުރުމެެއް ނޫނެވެ. މިއީ އެޒާތުގެ ކަމަކަށް އެކަށޭނަ ލަޝްކަރެއްވެސް ނޫނެވެ. އެމެރިކާގެ ބޭނުމަކީ އީރާނުގެ އެކި ޖަޒީރާތަކަށް އަރައި ކޮމާންޑޯ އޮޕަރޭޝަންތަކެއް ހިންގުމެވެ. އީރާނުގެ އެއްގަމު ސިފައިން އެތިބީ މިކަމަށް ހޭލައެވެ. މިކަމަށް ފާރަވެރިވެގެންވެ. އެޒާތުގެ އޮޕަރޭޝަނެެއްގައި އެމެރިކާ ސިފައިންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުވާނެއެވެ. ގޯނިގޯންޏަަށް އަޅައިގެން އެމެރިކާއަށް އުފުލާންޖެހޭ ގަބުރުތައް ގިނަވާނެއެވެ. އެއީ ޓްރަމްޕުގެ މަގުބޫލުކަން އިތުރަށް ކުޑަވެ ސިޔާސީގޮތުން އޭނާ އިތުރަށް ބަލިކަަށިވާނޭ ކަމެކެވެ. އެހެންވީމާ އެކަން އެމަގުން ކުރާނޭ ކަމަށް ނުވަތަ ކުރަން އުޅޭނޭ ކަމަށް ނުފެނެއެވެ. މިހެން ހަދާނަމޭ، އެހެން ހަދާނަމޭ އެކިޔަނީ ބިރުދެއްކުމުގެ ނިޔަތުގައެވެ.