އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ނޫން ކަމަށް ކަނޑައަޅައި، ރެފަރެންޑަމް ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.
ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ކުރެން އަހަން ހިމަނާފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"
މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލާ ގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.
އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނު އަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބުތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާންކޮށްފައިވާ އިރު، އޭޕްރީލް ހަތަރެއްގައި ބާއްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައި އޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފުކަމެއް،" ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
ގާނޫނު އަސާސީގެ 262 މައްދާގައި ލިސްޓުކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަން ވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހޭތޯ ބަލަން އަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ އިރު، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާބު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބަދަލު ގެނަސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.
"އެގޮތުން އެ ބިލުގެ ހަތަރުވަނަ މާއްދާގެ (ށ) އިން ގެނެސްފައިވާ އިސްލާހުގައި އޮންނަ ގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭ، އެ ބިލްގެ ތިން ވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅައި ބަޔާންކޮށްފައިވޭ އަދި އެ ބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަންވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،" އެ މައްސަަލައިގައި ވެއެވެ.
މި ބަދަލުތައް ބިލުން ގެނަސްފައިވީ ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމުގެ ވާހަކަ ކަމަށްވެސް ބުނެފައިވެއެވެ.
"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެ ކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރާކަން، މި ތަފްސީލުތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔޭ،" މައްސަލައިގައި ވެއެވެ.
އެ މައްސަލައިގައި ބުނެފައިވަނީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއް ނޫން ކަމަށެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށެވެ.
މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށާއި ރައީސް ތަސްދީގުކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރައްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމުތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާންގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުން ކަމަށް ޝިޔާމާއި އައިކު ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.
މި މައްސަލަައަށް ޖަވާބުދާރީވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން އާންމު ވޯޓުގެ ސުވާލު މިހާރު ފަރުމާކޮށްފައި އޮތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ސުވާލު ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށާއި އެ މާއްދާއަކީ ގާނޫނުއަސާސީއަށް ގެންނަ ވަކި ބަދަލުތައް ރައީސަށް ތަސްދީގު ކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށްވެސް ބުނެފައިވެއެވެ.
އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަަމަށާއި އެކަމުގައި ރައީސް އަމަލުކުރައްވަން ޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށާއި އަދި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު މި މައްސަލައިގެ ހުކުމް އިއްވަވަމުން މިއަދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއްގެ ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބަޔާންކޮށްފައި ނެތް ކަމަށެވެ.
ގާނޫނު އަސާސީއަށް ގެންނަ އެފަދަ ބަދަލަކާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި ގާނޫނު އަސާސީއަށް ގެނެވޭ މުޅި އިސްލާހުގައި ހިމެނޭ ހުރިހާ ކަމަކާ މެދު ފެންނަ ނުފެންނަ ވޯޓުގައި ސުވާލު ކުރަން ޖެހޭއިރު މިހާރު ސުވާލު އޮތީ މަޖިލީހުން ފާސްކުރި އިސްލާހުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތަތީ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ހުކުމަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވާފައިވާތީ، މި ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ، އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އިބްރާހިމް ޒަކީ
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު