އިންތިހާބީ މަގާމުތަކަށް ތައުލީމާއި ތަޖުރިބާހުރި މީހުން ގެނައުމުގެ ބަހުސް ފަށަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ތައުލީމީ ޖީލެއް ބިނާކުރުމަށާއި ތައުލީމީ މީހުންނަށް މަގާމުތައް ލިބުމަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު ހަގީގަތުގައި ބޭނުންވަނީ ކޮންމެ މަސައްކަތަކަށް ވެސް ކުރިމަތިލާން ތައުލީމީ މީހުން، އެއީ މަޖިލިސް ކަމުގައި ވިޔަސް ކައުންސިލަށް ކަމުގައި ވިޔަސް، ރައީސް ކަމަށް ކަމުގައި ވިޔަސް، އިލެކްޓެޑް މަގާމަކަށް ކުރިމަތިލާއިރުގައި އެމީހާއަކީ ތައުލީމީ ގޮތުން ވަރަށް ގާބިލު ތަޖުރިބާގެ ގޮތުން ވަރަށް ގާބިލު މީހަކަށް ވާން، އެއީ އަޅުގަނޑު ވަރަށް ގަބޫލު ކުރާ ކަމެއް، އަދި ޕަބްލިކް ތެރޭގައި ވަރަށް ޑިބޭޓް ކުރަން ބޭނުންވާ ކަމެއް މަޖިލީހަށް ވިޔަސް ނޫނީ އެހެން އިލެކްޓެޑް މަގާމަކަށް އަންނަ މީހެއްގެ ތައުލީމީ ފެންވަރު ކަނޑައެޅުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޭނުންފުޅުވާ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރިމަތިލާން އޮންނަ ޝަރުތުތައް މަތިކޮށް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އެ އެ ކަމަށް ބަހުސް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ތައުލީމީ މީހުންނަށް އިސްކަންލިބުން، އެއީ އަޅުގަނޑުގެ މިވާހަކައިގެ މަފްހޫމަކީ. އެހެންވީމަ އެ ޓާގެޓް ހާސިލް ކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާ، އެންމެ ކޭޕަބަލް މީހުން ހޮވާލެވިގެން އައިސް އެމީހުންނަށް ފުރުސަތު ލިބުން. އެ ނިޒާމަށް އަޅުގަނޑު ހަމަ ވަރަށް ތާއީދު، އަޅުގަނޑު އެކަމަށް ސަރުކާރުގެ ތެރެއިން ފެސިލިޓޭޓް ކުރަންޖެހޭ ކަމެއް ކޮށްދޭން އަޅުގަނޑު މިހުރީ ތައްޔާރަށް،" ރައީސް ވިދާޅުވިއެވެ.

މިކަމާ މަޝްވަރާކޮށް އާންމުންނާ އެކު ބަހުސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ޒުވާނުންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަދަ މަގާމުތަކުގެ ވަކި ޕަސެންޓޭޖެއް ހާއްސަކުރުމަށް ވެސް އެ ބަހުސްގެ ތެރޭގައި ހިމަނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.