ގދ. ތިނަދޫގައި ތަރައްގީކުރާ، އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ނޫން ކަމަށެވެ. އެ މަސައްކަތުގެ އެގްރީމަންޓުގެ މަސައްކަތަށްވެސް ލަސްތަކެއް އައި ކަމަށެވެ.

އެ މަޝްރޫއަށް ލަސްތަކެއް އައި ސަބަބަކީ ހުވަދު އަތޮޅު އިންޓަނޭޝަނަލް އެއާޕޯޓަކީ ދައުލަތުން ހަރަދެއް ނުކޮށް ހަމައެކަނި އިންވެސްޓްކުރާ ފަރާތުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އަދި އެއީ ބިޒްނަސް ވަޔަބަލް ފީޒިބަލް މޮޑެލަކަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިހާރު ގާތްގަނޑަކަށް އެ ސްޓޭޖް ނިމުމަކަށް އައިސް މިއޮތީ، މިހާރު އަޅުގަނޑުމެން ވަރަށް ރިއަލިސްޓިކްކޮށް ޓާގެޓް ކަނޑައެޅި މަސައްކަތްތަކެއް މިކުރަނީ، އިރާދަކުރެއްވިއްޔާ މިއަަހަރުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފެށުން މިހާރު ވަރަށް ރިއަލިސްޓިކް،"

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ މަސައްކަތް ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕޭން ޕެސިފިކް ކުންފުންޏާ ހަވާލުކޮށްފައެވެ. އެއިރު ރައީސް ވިދާޅުވީ ދެ އަހަރުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ތިނަދޫގައި މިހާރު ހިއްކާފައި އޮތް ބިމާ ގުޅިގެން ތަރައްގީއަށްޓަކައި މަދުވެގެން 50 ހެކްޓަރުގެ ބިން އިތުރުކުރުމާއި، އެ ބިމުގައި އެއްފަސްވެގެން ހަތަރު ކިލޯމީޓަރުގެ ކޯޑް އޮފް ރަންވޭއެއް ހިމެނޭގޮތަށް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުން ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.