ތެޔޮ އަގުބޮޑުވުމުން އޮސްޓްރޭލިއާއިން އާންމު ދަތުރުފަތުރު ހިލޭކޮށްފިއެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ އިތުރުން ތެޔޮ ލިބުން ދަތިވުމާއެކު ގައުމުތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އޮސްޓްރޭލިއާއިން އިއްޔެ ވަނީ އެގައުމުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށައިފައެވެ.

އޮސްޓްރޭލިއާގެ އާންމުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ އާންމު ދަތުރުފަތުރު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އޮސްޓްރޭލިއާގެ މެލްބަންގެ ވިކްޓޯރިއާ ސްޓޭޓާއި ޓަސްމޭނިއާ ސްޓޭޓުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މެލްބަންގެ ވިކްޓޯރިއާ ސްޓޭޓުގައި އާންމު ދަތުރުކުރާ ފަރާތްތަކަށް އަންނަ މަސް އެއްކޮށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ޓަސްމޭނިއާގެ އާންމުންނަށް ޖޫން މަސް ނިމެންދެން އެ ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އޮސްޓްރޭލިއާގެ އެހެން ސްޓޭޓް ތަކުންވެސް އެކަމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާތައް ވަނީ ފަށައިފައެވެ.