ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހަދާ ފަރާތްތަކަކީ ރާއްޖޭގައި ޑިކްޓޭޓާޝިޕް ހިންގަން ބޭނުންވާ ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑިކްޓޭޓާޝިޕާއި ހުދުމުހުތާރުކަމާއި ހުރިހާ ކަމެއް ވެސް ނެތިކޮށްލާނެ، ސަރުކާރު ޖަވާބުދާރީކުރާނެ މަޖިލީހެއް ބޭނުންވާކަމަށްވަންޏާ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށެވެ.
ހުދުމުހުތާރުކަމާއި ޑިކްޓޭޓާޝިޕް ހިންގަން ބޭނުންވާ މީހުން ބޭނުންވާނީ ސުޕަ މެޖޯރިޓީ މަޖިލީހެއް ހޮވަން ކަމަށާއި ހޮވާފައި އެތަނުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ނުކޮށް ބޭނުންވާނީ ޑިކްޓޭޓާޝިޕެއް ހިންގަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެކަހަލަ މީހުން ތިކަން ކުރަން ބޭނުންވެގެން ތިއުޅެނީ. އެހެންވީމާ އެބަ ވިސްނަން ޖެހެއެއްނޫންތޯ މިކަން ބޭނުންވެގެން އުޅޭ މީހުން، ދެ އިންތިހާބު މިހާރު އޮތް ގޮތަށް ބާއްވަން ބޭނުންވާ މީހުން މިއުޅެނީ އަސްލުގައި މި ގައުމުގައި ކުރީގައި ވެސް ހިންގި ގޮތަށް ކަޑަޖެހުމާއި ޑިކްޓޭޓާޝިޕް ހިންގަންނޫންތޯ. އަޅުގަނޑު މިއުޅެނީ ކަޑަޖެހުމާއި ޑިކްޓޭޓާޝިޕް ނައްތާލަން ބޭނުންވެގެން. އެހެންވީމާ މި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަޅުގަނޑު މި ވަކާލާތުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުމުގެ ބަދަލުގައި ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ޕާޓީ ކަމަށްވެފައި، ދެ ޕާޓީގެ ޕަސަންޓޭޖު ބެހިފައި ހުންނަނީ ގާތްގަނޑަކަށް އެއްވަރަކަށް ކަމަށެވެ. ރައީސް ވަނީ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފައެވެ.
""އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެގެން. 2008 ގައި އެމްޑީޕީއަށް ލިބުނީ 54 ޕަސަންޓު، ޑީއާރުޕީއަށް 46 ޕަސަންޓު. 2013 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް 53 ޕަސަންޓު، އެމްޑީޕީއަށް 48 ޕަސަންޓު. 2018 ގައި މިއޮތީ 58، 42. 2023 ގައި 54، 46،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ މެދުގައި ބެހިގެންދާ ޕަސަންޓޭޖު އުޅެނީ 60، 40 ރޭންޖުގައި ކަމަށާއި އެހެންކަމުން މަޖިލިސް މެންބަރުން އައުމުގެ ޕަސަންޓޭޖަކީ 40 ޕަސަންޓު، 60 ޕަސަންޓު ހިސާބުގައި ކަމަށެވެ. އަދި އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އެއްވެސް ޕާޓީއަކަށް 75 ޕަސަންޓު، 80 ޕަސަންޓު ހޯދުމުގެ ފުރުސަތު ހަނިވެގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފެއާކޮށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވި، ކޮންމެ ޕާޓީއަކުން ވެސް ކުރިމަތިލާނީ އީކުއަލް ފުޓިންއެއްގައި. ވެރިކަން ކުރާ ޕާޓީ، ނުވަތަ ވެރިކަން ނިމެމުންދާ ޕާޓީ، އެ ޕާޓީ ވެސް އެބަ ކުރިމަތިލާ. އެކަމަކު އެމީހުންނަށް ކޮން ގެރެންޓީއެއް އޮތީ ދެން ހޮވޭނެކަމުގެ. އެހެންވީމާ ސަރުކާރުގައި ތިބެގެން މީހުން ކައިރިއަށް ގޮސް އެ ލިބޭ ފުރުސަތެއް ނުލިބޭނެ. އެހެންވީމާ އީކުއަލް ރެޕްރެޒެންޓޭޝަނެއްގައި މީހުން މަޖިލީހަށް ވަނުމުގެ ޗާންސަސް ވެސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއީ ފެންނާން ހުރި ހަގީގަތްތައް ކަމަށާއި އެހެންވީމާ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހިޔާރުކުރަންޏާ، ގައުމު ދެކެ ލޯބިވަންޏާ، އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްނުކޮށް ގެންނަންވާނީ އެންމެ ރަނގަޅު އިސްލާހުތައް ކަމަށެވެ.
އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ވެސް ނަގާ އިރު، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަނީ އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕީއެންއެފް އިންނެވެ. ޕީއެންސީއާއެކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި އަދާލަތު ޕާޓީން ވަނީ ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ތާއީދުކުރައްވަނީ ދެ އިންތިހާބު އެއްކޮށްލުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު