އިންޑިއާގެ ޗަންދިގަރުގައި ކުރިއަށްދާ ފުރަތަމަ އިންވިޓޭޝަނަލް ރިލޭ މުބާރާތް/ ތިން ވަނަ އޯޕަން ރިލޭ މުބާރާތުގައި ވާދަކުރި ގައުމީ އެތުލެޓިކްސް ޓީމުން ޖުމްލަ އެކު ފަސް މެޑަލް ހޯދައިފިއެވެ.
އިންޑިއާގައި ފުރަތަމަ ފަހަރަށް އިންވިޓޭޝަނަލް ރިލޭ މުބާރާތެއް ބާއްވަމުންދާ އިރު، އެ މުބާރާތުގެ ތެރެއިން އޯޕަން ރިލޭ މުބާރާތްވެސް ކުރިއަށް ދެއެވެ. ނަތީޖާތައް ބަލަނީ އެއް ހީޓްތަކަކުންނެވެ.
އެ މުބާރާތުން ރާއްޖެ ހޯދާފައިވާ މެޑަލްތަކަކީ ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރަން މެޑަލާއި އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރިހި މެޑަލްގެ އިތުރުން، ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލްގެ އަދި މިކްސް ރިލޭގެ ހަތަރެއް ގުނަ 100 މީޓަރާއި ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލްއެވެ.
ރަން މެޑަލް ހޯދި ހަތަރެއް ގުނަ 100 މީޓަރު ރޭހުގައި ދުވި ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާއެވެ. އިވެންޓް ނިންމި ޓައިމިން އަކީ 42.88 ސިކުންތުންނެވެ.
ހަތަރެއް ގުނަ 100 މީޓަރުގެ ރިހި މެޑަލް ހޯދި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ. އެ ޓީމުން އިވެންޓް ނިންމި ޓައިމިންއަކީ 49.08 ސިކުންތުންނެވެ.
ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގެ ފިރިހެން ޓީމުގައި ހިމެނެނީ، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލެވެ. ލޯ މެޑަލް ހޯދި އެ ޓީމުން ރޭސް ނިންމީ ތިން މިނިޓް، 22.98 ސިކުންތެވެ. އެ އިވެންޓުގެ އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދެވެ. އެ ޓީމުން ރޭސް ނިންމީ، ހަތަރު މިނިޓް، 10.34 ސިކުންތުންނެވެ.
ލޯ މެޑަލް ހޯދި ހަތަރެއް ގުނަ 100 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ސާއިދު، އަހުނަފް، ޒިވާ އަދި އަހްނާއެވެ. އެ ޓީމުން 44.53 ސިކުންތުން ރޭސް ނިންމި އިރު، ލޯ މެޑަލް ހޯދި ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ޒީކް، ރިއްފަތު، ލަޔާނާ އަދި މުޒްނާއެވެ. އެ ޓީމުގެ ޓައިމިން އަކީ ތިން މިނިޓް، 45.81 ސިކުންތެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް