ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ކުރަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރުފަޅަށް ބައެއް ވަޒީރުންނާއި މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެެއިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށެވެ.
"އަޅުގަނޑުމެން ހަވާލުވިއިރު އެއްބައި ހިއްކަން ފަށާފައިވާ ތަނެއް، އެހެންނަމަވެސް އޭރުގެ އިންތިހާބުގެ ތެރޭގައި 5000 އެއްހާ ގޯތި މިތަނުން ދީފައި އެބައޮތް. ދެން މި ސަރުކާރު ހަވާލުވެގެން ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ތެރޭގައި ޕޯޓް ދިނުމަށްޓަކައި ކަނޑައަޅާފައިވާ ވަރަށް ބޮޑު ބިމެއް، ގޯތި ދިނުމަށް ބަދަލުކޮށްފައި، މިކޮޅުން 1100 އަށްވުރެ ގިނަ ގޯތި އެތަނަށް ބަދަލުކޮށްފައި ދެން ވެސް އަޅުގަނޑުމެންނަށް އާބަން ސިޓީއެއް ގޮތުގައި މީހުން ދިރިއުޅެވޭނެ ގޮތަކަށް ނޫން ޕްލޭން ހަދާފައި އޮތީ، އެއަށްވުރެ މާގިނަ ގޯތިތައް އެތާނގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހަދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އާބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށެވެ.
"ވީހާވެސް އަވަހަކަށް ތިން ހަފުތާ ތެރޭ ބިން ހިއްކައި ނިމުނީމައި ސާވޭކޮށް ގޯތިތައް ހަވާލުކުރުން އެއީ ސަރުކާރުގެ ވިސްނުމަކީ، އެއާ އެއްކޮށް މިތަނުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަދި މަގު ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރާނަން. އެހެންނަމަވެސް މިހާރު ފޯކަސްއަކީ އެބަޔަކަށް ލިބޭ ގޯތި ކަޑަޖާފައި އެބަޔަކާ ހަވާލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން 2،000 ގޯތި، މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމިއެވެ. ނަމަވެސް އެތަނުން 2،000 ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް މި ސަރުކާރުން ހުޅުވާލިއެވެ.
ސަރުކާރުން ހުޅުވާލި އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލުކޮށްދިނުމަށް 2،210 މީހަކު ވަނީ އެދިފައެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުނިންނެވެ.
ސަރުކާރުން ބުނެފައިވާގޮތުގައި ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ.
އަލީ ޔާމިން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު