ދުނިޔޭގައި ޝީއީ މުސްލިމުންގެ ޖުމްލަ އާބާދީކަމަށް އަންދާޒާ ކުރެވޭ އަދަދަކީ ތިންސަތޭކަ މިލިޔަނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން ޝީއީންނަށް އަޣުލަބިއްޔަތު ލިބިފައިވާ ގައުމުތަކުގެ އަދަދު ހަތަރެކެވެ. އެއީ އީރާން، އަޒަބައިޖާން އަދި އިރާގާއި ބަހުރައިނެވެ. މީގެތެރެއިން އިރާގާއި ބަހުރައިނަކީ އަރަބި ގައުމުތަކެވެ. ޝީއީންނަށް އަޣުލަބިއްޔަތު ލިބިފައިވާ ގައުމުތަކުގެ ތެރެއިން ޝީއީންނަށް ވެރިކަމުގެ ބާރު ލިބިފައިނުވާ ހަމައެކަނި ގައުމަކީ ބަހުރައިނެވެ. ބަހުރައިނުގެ އާބާދީގެ ތެރެއިން ގާތްގަޑަކަަށް ފަސްދޮޅަސް އިންސައްތަޔަކީ ޝީއީންނެވެ. އެކަމަކު ވެރިކަން ކުރަނީ ސުންނީންނެވެ. ބަހުރައިނުގައި އޮންނަނީ ރަސްކަމެކެވެ. ރަސްކަންކުރާ އަލްޚަލީފާ ޚާންދާނަކީ ސުންނީ ޚާންދާނެކެވެ. މުޅި ދުނިޔޭގައިވެސް ޝީއީންގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ އީރާނުގައެވެ. އީރާނުގެ ޖުމްލަ އާބާދީކަމަށްވާ 93 މިލިޔަން މީހުންގެ ތެރެއިން 95 އިންސައްތަޔަކީ ޝީއީންނެވެ. އީރާނަަށްފަހު ދެން ޝީއީންގެ އެންމެބޮޑު އާބާދީއެއް އޮންނަނީ ޕާކިސްތާނުގައެވެ.

ޕާކިސްތާނުގެ ޖުމަލަ އާބާދީއަކީ 253 މިލިޔަން ކަމަށްވާއިރު އޭގެތެރެއިން ޝީއީންގެ އަދަދަކީ ސާޅީސް މިލިޔަނެވެ. އެއީ މުޅިއާބާދީގެ ގާތްގަނޑަކަށް ތޭވީސް އިންސައްތައެވެ. މިހާ ގިނައަދަދެއްގެ ޝީއީން އުޅުނަސް ޕާކިސްތާނަކީ ބޮޑުތަނުން ސުންނީ މެޖޯރިޓީ ގައުމެކެވެ. އެކަމަކު ޕާކިސްތާނުގެ ސިޔާސީ ކަންކަމުގައި ޝީއީންގެ ދައުރު ވަރަށްވެސް ބޮޑެވެ. ޕާކިސްތާނުގެ މިނިވަންކަމުގެ ބާނީ މުހައްމަދު އަލީ ޖިނާހަކީ ޝީއީއެކެވެ. ޕާކިސްތާނުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިސްކަންދަރު މިރުޒާ އާއި ޖެނެރަލް ޔަހުޔާ ޚާނާއި މަމްނޫނު ހުސައިން އަދި އާސިފް އަލީ ޒަރުދާރީއަކީވެސް ޝީއީންނެވެ. ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޒުލްފިގާރު އަލީ ބުއްޓޫއާއި ބޭނަޒީރު ބުއްޓޫއަކީވެސް ޝީއީންނެވެ. ދުނިޔޭގައި ތިންވަނަޔަށް ޝީއީން އެންމެ ގިނަ ގައުމަކީ އިރާގެވެ. އިރާގުގެ ޖުމްލަ އާބާދީއަކީ 47 މިލިޔަން ކަމަށްވާއިރު އޭގެތެރެއިން 65 އިންސައްތަޔަކީ ޝީއީންނެވެ.

ޝީއީންގެ އެންމެ މުގައްދަސް ރަށްރަށުގެ ތެރެއިން ކަރުބަލާއާއި ނަޖަފް އޮންނަނީ އިރާގުގައެވެ. އާބާދީގެ ނިސްބަތުން ދެން އެންމެ ގިނަ އަދަދެއްގެ ޝީއީން ދިރިއުޅެނީ ލުބުނާނާއި ޔަމަނުގައެވެ. ލުބުނާނުގެ ޖުމްލަ އާބާދީއަކީ ހަ މިލިޔަން ކަމަށްވާއިރު އޭގެތެރެއިން މުސްލިމުންގެ ނިސްބަތަކީ 51 އިންސައްތައެވެ. ނަސާރާއިންގެ ނިސްބަތަކީ 44 އިންސައްތައެވެ. ދެންބާކީ ތިބީ ދުރޫޒުންނެވެ. އެމީހުންގެ ނިސްބަތަކީ ފަސް އިންސައްތައެވެ. ލުބުނާނުގެ މުސްލިމުންގެ ތެރެއިން އެންމެ ބައިގިނަ ބަޔަކީ ޝީއީންނެވެ. އެގައުމުގެ ސިޔާސީ ނިޒާމު ބައްޓަން ކުރެވިފައި އޮންނަ ގޮތުން ގައުމުގެ ރައީސްކަން ނަސާރާއަކަށެވެ. ބޮޑުވަޒީރުކަން ސުންނީއަކަށެވެ. ޕާލަމަންޓުގެ ސްޕީކަރުކަން ޝީއީ އަކަށެވެ. ލުބުނާނުގެ އެންމެ ވަރުގަދަ ޖަމާއަތަކީ ހިޒްބު ﷲ ކަމަށްވާއިރު އެއީ މުޅިންވެސް ޝީއީ ޖަމާއަތެކެވެ. ޔަމަނުގެ ޖުމްލަ އާބާދީއަކީ 41 މިލިޔަން ކަމަށް ބެލެވޭއިރު އޭގެތެރެއިން 40 އިންސައްތަޔަކީ ޝީއީންނެވެ. ޒައިދީ ޝީއީންނެވެ. މެޖޯރިޓީ އޮންނަނީ ސުންނީންނަށެވެ. ޝަފީ މަޒުހަބުގެ ސުންނީންނަށެވެ.

ޔަމަނުގެ ވެރިރަަށް ސަންއާ ހިމެނޭހެން ޔަމަނުގެ ބޮޑުބައެއްގެ މައްޗަށް ވެރިކަން ހިންގާ ހޫސީންނަކީ ޝީއީންނެވެ. ކޮންމެއަކަސް ގިނަ އަދަދެއްގެ ޝީއީން ދިރިއުޅޭ ގައުމުތަކުގެ ވާހަކަ މިގެނައީ އީރާނާ ދެކޮޅަށް އެމެރިކާޔާއި އިޒްރޭލުން މިހާރު ފަށައިގެން އުޅޭ ހަނގުރާމަޔާމެދު މިދެންނެވި ގައުމުތަކުގެ ޝީއީންގެ ވިސްނުން ހުރިގޮތް ބަޔާން ކުރުމަށް ތަންހޯދުމުގެ ގޮތުންނެވެ. މި ހަނގުރާމައިގައި އިޒްރޭލުން ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ޝަހީދުކޮށްފައެވެ. އޭނާއަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ. އެއީ ޝީއީންގެ ދީނީ ލީޑަރެއްވެސް މެއެވެ. އޭނާ އަވަހާރަކޮށްލައިފިނަމަ އެމެރިކާޔާއި އިޒްރޭލާ ދެކޮޅަށް ދީނީ ޖިހާދެއް ފަށާނެ ކަމަށް ޝީއީންގެ ބައެއް ދަންނަބޭކަލުން ވަނީ މާކުރީއްސުރެ އިންޒާރު ދެއްވައިފައެވެ. އެގޮތުން އާޔަތު ﷲ ނާސިރު މަކާރިމް ޝިރާޒީގެ ފަތުވާޔަކާއި އާޔަތު ﷲ ނޫރީ ހަމްދާނީގެ ފަތުވާއެއް ފާހަގަކޮށްލެވެއެވެ. ކޮންމެއަކަސް އިޒްރޭލާއި އެމެރިކާއިން އެވަނީ އަލީ ޚާމަނާއީ ޝަހީދުކޮށްލައިފިއެވެ.

އެކަމަށް މިހާރު ހަތަރު ހަފުތާ ފުރެނީއެވެ. އެމެރިކާޔާއި އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ޝީއީން އެބަތެދުވޭ ބާވައެވެ. ޚާއްސަކޮށް ޝީއީން ގިނަ ގައުމުތަކުގައެވެ. ކުރުގޮތަކަށް ބަލައިލަމާބަހީއެވެ. މި ލިޔުމުގައި ނަންގެނެވިފައިވާ ގައުމުތަކުގެ ތެރެއިން އަޒަބައިޖާނާއި ބަހުރައިން ފިޔަވައި އެހެން ގަައުމުތައް ވަނީ ހިލިގެންފައެވެ. އަޒަބައިޖާނަކީ އިޒްރޭލުގެ މިތުރެކެވެ. އިޒްރޭލަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކޮށްދޭ ގައުމަކީ އަޒަބައިޖާނެވެ. ދުވާލަކަށް އެއްލައްކަ ފީފާގެ ތެޔޮ ސަޕްލައިކޮށްދެއެވެ. އީރާނު ބަލިވެ ބައިބައިވެ ރޫޅިގެން ދިޔުމަކީ އަޒަބައިޖާނުގެ ހުވަފެނެކެވެ. އީރާނުގެ އުތުރުގައި އަޒޭރީންނަށް އަޣުލަބިއްޔަތު ލިބިފައިވާ ސަރަހައްދުތައް އަޒަބައިޖާނާ އެއްކޮށްލައި ގްރޭޓަރ އަޒަބައިޖާނެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދުގައެވެ. ބަހުރައިނުގެ ރަސްކަންކުރާ އާއިލާއާއި އެމީހުންގެ ވެރިކަމަށް ގަލްފުގެ އެހެނިހެން ގައުމުތަކާއި އެމެރިކާއިން ރައްކާތެރިކަން ދީފައިވެއެވެ. ބާރުއޮތީ ވެރިކަން ހިންގާ ފަރާތުގައެވެ.

އެހެންވީމާ ބަހުރައިނުގެ އަޣުލަބިއްޔަތު ލިބިފައިވާ ޝީއީން އެތިބީ މަޖުބޫރީ ހިމޭންކަމެއްގައެވެ. އިރާގާއި ލުބުނާނާއި ޔަމަނު އެހެރަ ދަނީ އަނދަމުންނެވެ. ޔަމަނުގެ ހޫސީން ގެންދަނީ އެމެރިކާޔާއި އިޒްރޭލުގެ މަސްލަހަތު ހިމެނޭ ތަންތަނާއި ތަކެއްޗަށް ހަމަލަ ދެމުންނެވެ. ރަތްކަނޑަށް ވަދެނިކުމެވާ ކަނޑުއޮޅި ނުވަތަ ބާބުލް މަންދިބު ހުރަސްކުރާ ދުޝްމަނުންގެ އުޅަނދުތަކަށް އެހެރަދަނީ ހަމަލަ ދެމުންނެވެ. ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން އެހެރަދަނީ އިޒްރޭލާ ދެކޮޅަށް ޖިހާދު ކުރަމުންނެވެ. ދުނިޔޭގެ މީޑިޔާއިން އެވާހަކައަށް މާބޮޑު ކަވަރޭޖެެއް ނުދިނަސް ލުބުނާނު އެއޮތީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. ދެންއޮތީ އިރާގުގެ ވާހަކައެވެ. އިރާގުގެ ހަތިޔާރުއެޅި އަމިއްލަ ޖަމާއަތްތަކުން އެމެރިކާގެ ބޭސްތަކަށް ހަމަލަދެމުން އެބަގެންދެއެވެ. އެމެރިކާއިންވެސް އިރާގުގެ ތަންތަނަށް އެދަނީ ބޮންއަޅަމުންނެވެ. އިރާގުގެ ރަސްމީ ސިފައިންގެ ބޮލަށްވެސް ބޮން އެބައަޅައެވެ.

މިހާރު ފެންނަ މަންޒަރުތަކާމެދު ވިސްނައިލީމާ ހީވަނީ ދެން ލަސްތަކެއްނުވެ އިރާގު ސަރުކާރުންވެސް އެމެރިކާޔާއި އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފާނޭ ކަމުގައެވެ. އެހައިވަރަށް މަސްރަހު އޮތީ ހޫނުވެފައެވެ. މިލިޔުން ނިންމައިލުމުގެ ކުރިން ޕާކިސްތާނަށްވެސް ބަލައިލަން އެބަޖެހެއެވެ. ޕާކިސްތާނުގެ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަަށްވެސް ރައްޔިތުންވަނީ އަރައިގެންފައެވެ. އެމީހުން ކޮންޓްރޯލްކުރަން ބަޑިޖެހީވެސް އެމެރިކާ ސިފައިންނެވެ. ޕާކިސްތާނުގެ އެތައް ބަޔަކު މަރުވިއެވެ. ވެރިރަަަަށް އިސްލާމް އާބާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ރައްކާތެރިކަން ދެނީ ސީދާ އެމެރިކާ ސިފައިންނެވެ. ހަނގުރާމަ ހުއްޓުވޭތޯ އެންމެ ބޮޑަށް ބާރުއަޅަމުންދާ ގައުމަކީ ޕާކިސްތާނެވެ. ސަބަބަކީ މި ހަނގުރާމައިގެ ކަނިތައް ޕާކިސްތާނަަށްވެސް ފޯރައި އެގައުމުގައިވެސް ހުޅުރޯވެދާނެ ކަމުގެ ބިރު އޮތުމެވެ.