މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ މި އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ކަމަށެވެ.

ގައުމީ އިނާމަށް މިއަހަރު ހުޅުވާލަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކޮށް، ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެދިފައެވެ.

ގައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ގައުމީ އިނާމު ދިނުން އޮންނާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.