ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، އެޕާޓްމަންޓުތަކުގެ މަހު ކުލީގެ އަދަދަކީ ގާތްގަނޑަކަށް 10،000 ރުފިޔާ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އޭގެ ތެރެއިން ހަދާ 3،260 ހައުސިން ޔުނިޓުގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން ހުޅުމާލޭގައި އިމާރަތް ކުރާ 1،224 ހައުސިން ޔުނިޓުގެ މަސައްކަތުގެ ބިންގާ މިދިޔަ ހޮނިހިރު ދުވަހު ވަނީ އަޅައިފައެވެ. އަދި ބާކީ ހުރި ޔުނިޓުތަކުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށުމަށް ވަނީ ހަމަޖައްސައިފައެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ބީއެމްއެލްއާ ގުޅިގެން އެފަދަ މަޝްރޫއެއް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ރައްޔިތުންނަށް އަތްފޯރާފަށުގައި ކުޑަ އަގެއްގައި ބޯހިޔާވަހިކަން ކަމަށެވެ.
މަހުން މަހަށް ފައިސާ ދައްކަމުން ގޮސް، ވަކި ހިސާބަކުން އަމިއްލަ ކުރެވޭ ގޮތަށް، ލީސް ޓު އޯން މޮޑެލްއަކަށް ދަނީ ވެސް އެހެންވެގެން ކަމަށާއި ނަމަވެސް މިވަގުުތު ފައިނަލް އަގެއް ދަންނަވަން ތަންކޮޅެއް އަވަސް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ގާތްގަނޑަކަށް ދިހަ ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތުރީ ބެޑްރޫމް އެޕާޓްމަންޓެއްގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު އުޅެނީ 25،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދު ކަމަށާއި އެހެންކަމުން ބީއެމްއެލުން ދޫކުރާ އެޕާޓްމަންޓުތަކުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ބީއެމްއެލުން ހަދާ ހައުސިން ޔުނިޓުތަކުގައި މުޅިން ވެސް ހިމެނޭނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތައްކަން ވެސް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މާލޭ ސަރަހައްދުގައި ހަދާ 3،260 ހައުސިން ޔުނިޓް ހެދުމަށް ބޭނުންވާ ބިން، ހައުސިން މިނިސްޓްރީން ވަނީ ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގެދޮރު މިލްކުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން އެ ބޭންކުތަކުން ދޫކުރާ ލޯނުގެ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްއަށް މިހާރު ދޭން ޖެހެއެވެ.
ބީއެމްއެލުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައާއެކު، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ބިންތައް ހަވާލުކުރީ އެ ކުންފުންޏާއެވެ. އެ ބިންތައް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.
ބިންތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަކީ ލޯން މާކެޓްގެ 52 ޕަސަންޓު ހިއްސާކުރާ ބޭންކެއް ކަމަށްވާތީ، އެ މަޝްރޫއު ބީއެމްއެލަށް ލިބުމުން އެ ކުންފުންޏަށް ލިބޭ ޝަރަފާއި ޒިންމާ އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.
"މި ހައުސިން ޔުނިޓްތައް ބިނާ ކުރާނީ ބޭންކުން ފަންޑުކޮށް، ގާބިލު އަދި ތަޖުރިބާކާރު ޑިވެލޮޕަރުންގެ އެހީގައި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މީހުންނަށް ލީސް ޓު އޯން މޮޑެލްއެއް ބޭނުންކޮށްގެން. މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް ގެދޮރު މިލްކުކުރެވޭ ބަޔަކަށް ހެދުމަށް. ކޮންމެ މަހަކު ފައިސާ ދައްކައިގެން އެ ޕްރޮޕަޓީ ކުއްޔަށް ހިފޭނެ. އެ ފައިސާ ދެއްކުމުން އޯނާޝިޕް އެ މީހުންނަށް ބަދަލު ކުރެވޭނެ،" ޝަރީފް ވިދާޅުވެފައިވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ހަވާލުކުރީ ވިލިމާލޭގެ ބިމަކާއި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގެ ބިމެކެވެ.
ބީއެމްއެލްގެ އަމާޒަކީ އެ ހައުސިން ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމުމަށެވެ.
ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ތިނެއްގައި 2،960 ހައުސިން ޔުނިޓު އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ބީއެމްއެލުން ކުރިއަށްގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް