އޮފީހަށް ނުކުތުން މަނާކުރިތާ ހަތަރުއަހަރުވުމާ ގާތްވެފައިވަނިކޮށ،ް 11 އޮގަސްޓު 2024 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަކިކުރި ސީނިއާ އެކައުންޓް ކޯޑިނޭޓަރަށް ވަޒީފާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، މ. އެނބޫދޫ މާގެ އަހްމަދު އަލީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ބުނެފައިވަނީ އައިއޭއެސްގެ ސީނިއާ އެކައުންޓްސް ކޯޑިނޭޓާ (ގްރޭޑް 1) ގެ މަގާމު އަދާކުރަމުން ދަނިކޮށް ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް 11 ނޮވެންބަރު 2020 ވަނަ ދުވަހުން ފެށިގެން އަހްމަދު ވަޒީފާއަށް ނުކުތުން މަނާކުރުމަށްފަހ،ު އިތުރު އެއްޗެއް އެންގުމަކާ ނުލައ،ި އޮފީހަށް ނުކުތުން މަނާކުރިތާ ހަތަރުއަހަރުވުމާ ގާތްވެފައިވަނިކޮށ،ް 11 އޮގަސްޓު 2024 ވަނަ ދުވަހު މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރީ، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ވަޒީފާއަށް ނުކުތުން ހުއްޓުވާފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާއަށް އަލުން ވަޒީފާ އިއާދަކޮށްދިނުމަށާއި ވަޒީފާގެ މަސައްކަތަށް ނުކުތުން ހުއްޓުވި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރާ ދުވަހާ ހަމައަށް އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތައް ދިނުމަށް އައިއޭއެސްގެ މައްޗަށް އަމުރުކޮށްދިނުމަށް ޓްރައި ބިއުނަލް ހުށަހެޅި މައްސަލައިގައި އޭނާ ވަނީ އެދިފައެވެ.
އޭގެ އިތުރުން އައިއޭއެސްގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުންކަމަށް ބަޔާންކޮށް އެ ކުންފުންޏަށް އޭނާ ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ 382,331 ރުފިޔާއަކީ އައިއޭއެސްއަށް ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއ،ި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ހަރަދުވި 15,000 ރުފިޔާ އެ ކުންފުނީގެ ފަރާތުން ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމާފައިވަނީ އަހްމަދު އަލީ ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރާން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމު ނުކޮށްކަމަށެވެ.
އެހެންކަމުން އައިއޭއެސްގެ މައްޗަށް އަމުރުކޮށްފައި ވަނީ، އަހްމަދު އަލީ އަދާކުރަމުންދިޔަ ސީނިއާ އެކައުންޓްސް ކޯޑިނޭޓާ (ގްރޭޑް 1) ގެ މަގާމަށް އޭނާ ރުޖޫއަކުރުމަށެވެ. އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހަކު ކަމުގައި ނުބެލުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ ނިސްބަތުން އެއް އަހަރުދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް އަމުރުކޮށްފައިވެއެވެ.
މުވައްޒަފެއްގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބޭ ގެއްލުމަށް ބަދަލު ދިނުމާގުޅޭ އުސޫލު ބަޔާންކުރާގޮތުން، ވަޒީފާދޭ ފަރާތުގެ މުދަލަށް ނުވަތަ ވިޔަފާރިއަށް ގެއްލުމެއް ލިބޭނެކަން އެނގިހުރެ މުވައްޒަފަކު ކުރާ އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ބަދަލު ދިނުމަށް، ކަނޑައެޅިދާނެއެވެ.
ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ، އެ ބަދަލަކީ މުތުލަގަށް ވަޒީފާދޭ ފަރާތުން ހަމައެކަނި ބަޔާންކުރާ ކުރުމަކަށް ނަގައިދެވިދާނެ ބަދަލެއްކަމަށް ނުދެކޭ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތަށް ލިބިފައިވާ ގެއްލުމާއި ގެއްލުމުގެ ތަފްސީލުތަކާއި އެ ގެއްލުމަކީ މުވައްޒަފުގެ ފަރާތުން ލިބުނު ގެއްލުމެއްކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް މި މައްސަަލަ ހުށަހެޅި އަހްމަދު އަލީގެ ފަރާތުން އައިއޭއެސްއަށް 382,331 ރުފިޔާ ދައްކާން ޖެހޭ ކަމަށް ބަޔާންކޮށް އައިއޭސްއިން ފޮނުވާފައިވާ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާއަކީ ދައްކާން ޖެހޭ ފައިސާއެއް ނޫންކަމަށް އަހްމަދު އަލީގެ ފަރާތުން ފާހަގަކުރާ ނުކުތާއަށް އައިއޭއެސްގެ ފަރާތުން ޖަވާބުދީފައި ނުވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އައިއޭއެސްއަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާއަކީ އަހްމަދު އަލީ ދައްކާން ޖެހޭ ފައިސާއެެއްނޫން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގައި ގާނޫނީ ވަކީލާއި މުވައްކިލާ ދެމެދު އެއްބަސްވާ މަސައްކަތާއި ފީ އެނގޭނެ ފަދަ އެއްވެސް ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައި ނުވުމާއި، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް އެނޫންވެސް ހަރަދެއް ކޮށްފައިވާނަމަ އެ ހަރަދެއްގެ ތަފްސީލު ހިމެނޭ އެއްވެސް ލިޔެކިޔުމެއް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައި ނުވާތީ، މައްސަލަ ހުށަހަޅަން ހަރަދުވި ކަމަށް އަހްމަދު އަލީ ބުނެފައިވާ 15,000 ރުފިޔާ ނަގައިދިނުމަށް އަމުރުކުރެވިދާނެ ހަމައެއް ނެތް ކަމަށްވެސް ޓްރައިބިއުނަލުން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް