ޓީބީގެ ނުރައްކާ ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 24 ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުން އަންނައިރު، ޓީބީ އަކީ އެ ބަލިން ރައްކާތެރިވެ، ފަރުވާ ކުރެވޭނެ ބައްޔެއް ކަމުގައިވިޔަސް، ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އެ ބަލީގެ އަސަރު އަދިވެސް ކުރަމުންދާކަން ހަނދާން ކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަލި ނައްތާލުމުގައި، ހަރުދަނާ ސިއްހީ ނިޒާމާއި، ދުރާލައި ދެނެގަނެ، މުޖުތަމައުގެ ބައިވެރިވުން މުހިންމުކަން މިއަދު ރާއްޖޭގެ ރައްޔިތުންނަށް ފާހަގަކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަކީ ޓީބީގެ ބަލި މަދު ގައުމަކަށްވުމާއި، ދުރާލައި ބަލި ދެނެގަނެ، އަވަސް ފަރުވާއެއް ހޯދުމާއި، ބަލި ދެނެގަތުމުގެ މަގު ފަހިކޮށްދީ، ބަލިން ރައްކާތެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ބަލިން ރައްކާވެފައިވާ އާބާދީއަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުން ހަރުދަނާ ކުރަމުން އަންނަ ގައުމަކަށްވާތީ، ރާއްޖެއަކީ ފަޚުރުވެރިވާ ގައުމެކެވެ." ރައީސް ވިދާޅުވިއެވެ.

ޓީބީ ބަލިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ހޯދުމަށްޓަކައި ސިއްހީ ހިދުމަތްތެރީންނާއި މުޖުތަމައު ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓީބީ ދެނެގަތުމުގެ މިންވަރު 70 ޕަސެންޓު އިތުރުކުރުމުގެ އަމާޒާއި އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 ޕަސެންޓަށް އިތުރުކުރުމުގެ އަމާޒަށް ވާސިލުވެފައިވާ ފަސް ގައުމުގެ ތެރެއިން އެއް ގައުމުކަމުގައި 1998 ވަނަ އަހަރު ރާއްޖެ ވަނީ ހިމެނިފައެވެ.

މި އަހަރުގެ ޓީބީ ދުވަހުގެ ޝިއާރަކީ "ޓީބީ ނައްތާލެވިދާނެ: ޕްރައިމަރީ ހެލްތުކެއާ، އިނޮވޭޝަން އެންޑް ކޮމިޓެޑް ކޮމިއުނިޓީސް" އެވެ. މި ޝިއާރުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކޮމިޓްމަންޓް، ގައުމީ ލީޑަޝިޕް، އެކަށީގެންވާ އިންވެސްޓްމަންޓް، އަދި މުޖުތަމައުގެ ހަރަކާތްތެރި ބައިވެރިވުން ހިމެނެއެވެ.