ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި އޮތް ދަރަންޏަކީ އެ އިދާރާ އަލުން ހިނގައިގެނެ، ކުރިއަށް ދާން އަދިވެސް ޗެލެންޖެއް ކަމަށާއި، އެ ދަރަނީގެ މައްސަލަތައް ހައްލުކުރަން އޭއެފްސީއާއި ފީފާގެ އިތުުރުން ސަރުކާރާއެކު މަޝްވަރާކުރެވި، މަސައްކަތް ކުރެވެމުން ދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު ވިދާޅުވީ، އާ އިންތިހާބަކާއެކު އެފްއޭއެމްގެ އިދާރީ ހިންގުމަށް ހައްލެއް ގެނެވިފައި އޮތް ނަމަވެސް، ކުރީގެ ވެރިކަމުގައި އެޅިފައި އޮތް ދަރަނީގެ ދަންތުރައިން އެފްއޭއެމް ސަލާމަތް ކުރުމަކީ އަދިވެސް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ.

"އެފްއޭއެމްގެ ދަރަނީގެ މައްސަލައިގައި އަޅުގަނޑުމެންވެސް އެކުވެގެން ފީފާއާއި އޭއެފްސީއާއި މަޝްވަރާކުރެވިގެން މި ހޯދަމުން ދަނީ އެކަންކަމަށް ލުއި ހޯދޭނެ ގޮތްތައް ހޯދަން. ކުރިން ނޯމަލައިޒޭޝަން ކޮމިޓީ އުފެދިފައި އޮތް އިރުގައި، އޭރު އެބޭފުޅުން އަޅުގަނޑުމެންނާ ރައްދު ކުރި ސުވާލަކީ އެހާބޮޑު ދަރަންޏެއް އޮތުމާއެކު ސަރުކާރުން އެކަމުގައި ކޮންކަމެއްތޯއޭ ކޮށްދެވޭނީ. ދެން އެކަމަށް ބެލިއިރު އަޅުގަނޑުމެން ދަންނަވާފައި އޮންނާނީ ވަކިވަކި ފަރުދުންނާ ދެމެދު އޮތް މުއާމަލާތްތަކަށް އަޅުގަނޑުމެންނަށް ނެތޭ މާބޮޑު ކަމެއް ކުރެވޭކަށް. އެހެން ނަމަވެސް ސަރުކާރުން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ އެ ކުންފުނިތަކާ މަޝްވަރާ ކުރެވޭނެ ގޮތެއް ހޯދޭނޭ. އެކަންކަމުގައި މިހާރު ވަނީ ގިނަ ގޮތްގޮތަކުން ހައްލު ހޯދިފައި،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެފްއޭއެމްގެ ދަރަންޏަކީ "ބޮޑު ގޮންޖެހުމެއް،" ކަމަށާއި، އެކަން ހައްލުކުރަން މަޝްވަރާ ކުރެވިފައި އޮތް ގޮތަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެފްއޭއެމްގެ ބިންތަކުން އެންމެ ރަނގަޅު ނަތީީޖާއެއް ނެރުމަށް އެފްއޭއެމްއިން މިހާރު ކުރަމުންދާ މަސައްކަތަކީ ކަންކަން ހައްލުކުރުމަށް މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.