އިޒްރޭލާއި، އެމެރިކާ އިސްވެ އީރާނަށް ދިން ވައިގެ ހަމަލާއާ ގުޅިގެން މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެ އީރާނަށް ހަމަލާދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ. އެ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން އެޕިކް ފިޔުރީ"އެވެ. އެ އޮޕަރޭޝަންގެ ތެރެއިން އެމެރިކާއާއި އިޒްރޭލުން ވަނީ އީރާނަށް 100 އަށްވުރެ ގިނަ ވައިގެ ހަމަލާތަށް ދީފައެވެ. އެ ހަމަލާތަކުގައި އީރާންގެ ރޫހާނީ ލީޑަރު އަލީ ހަމާނާއީ ވަނީ އަވަހާރަވެފައެވެ.
އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ ހަަމަލާދީފައެވެ. އެގޮތުން ގަތަރު، ބަހްރައިން، ކުވޭތު، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ވަނީ ހަމަލާދީފައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ހަމަލާތައް ވަނީ އިންޓަސަޕެޓް ކޮށްފައެވެ. ނުވަތަ އީރާނުން ފޮނުވާލި މިސައިލްތައް، އަމާޒަށް ވާސިލުވުމުގެ ކުރިން ވަނީ ވައްޓާލައިފައެވެ.
ހަނގުރާމައިގެ ތެރެއިން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިވެސް ބަންދުކޮށްފައެވެ. އެއާއެކު ޓްރަމްޕު ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރުދެއްވައިފައެވެ. ނަމަވެސް ފަހުން ޓްރަމްޕް ވަނީ ނޯތު އެތްލާންޓިކް ޓްރީޓީ އޯގަނިޒޭޝަން (ނޭޓޯ)ގެ ގައުމުތަކުންވެސް ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ގިނަ ނޭޓޯ ގައުމުތަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ އީރާނާއެކު ހަނގުރާމަ ހުއްޓާލުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާގެ ކަންކަން ރަނގަޅަށް ދިއުމުގެ ސަބަބުން އީރާނުގެ އިންޖީނުގެތަކަށް ހަމަލާދިނުން ފަސް ދުވަހަށް އެމެރިކާއިން ފަސްކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އީރާނުގެ ފޮރިން މިނިސްޓަރީން ވަނީ އެފަދަ މަޝްވަރާތަކެއް ކުރިއަށްދިޔަކަން ދޮގުކޮށްފައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައެވެ. އެކަން އެގޮތަށް އެމެރިކާގެ ސީބީއެސް ނޫހުންވެސް ރިޕޯޓުކޮށްފައިވާ ކަމަށް ބީބީސީން ބުންޏެވެ.
"މި ހަނގުރާމައިގެ އަމާޒު ހާސިލުވުމަށް ހުރަސް އެޅޭނެ އެއްވެސް މަޝްވަރާއެއް އިރާން ސަރުކާރުން ނުކުރާނެ،" ސީބީއެސްއަށް ދިން އިންޓަވިއެއްގައި އީރާންގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ޓްރަމްޕު ވިދާޅުވި ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވެފައެވެ.
"ފްރާންސްގެ ސީއޭސީ 40، ސްޕެއިންގެ އައިބެކްސް އަދި ޖަރުމަނުގެ ޑެކްސް އިންޑެކްސްތައް މާކެޓް ހުޅުވުނުއިރު ދަށްވި ނަމަވެސް، ފަހުން ވަނީ ކުރިއެރުން ހޯދައިފައެވެ. އެގޮތުން މި އިންޑެކްސްތައް ވަނީ ތަރުތީބުން 1 ޕަސަންޓް، 1.4 ޕަސަންޓް އަދި 1.9 ޕަސަންޓް މައްޗަށް ގޮސްފައި. އެފްޓީއެސްއީ 100 ހިއްސާގެ އިންޑެކްސް، ވިޔަފާރި ފެށުނުއިރު ގާތްގަނޑަކަށް 1.5 ދަށްވި ނަމަވެސް، އޭގެ ފަހުން މިސްރާބު ބަދަލުވެ 0.4 ގެ ކުރިއެރުމެއް ހޯދި. އޭގެ ފަހުން އަނެއްކާވެސް ކުޑަކޮށް ދަށްވެ، 0.2 ޕަސަންޓުގެ ވެއްޓުމަކާ އެކު ވަނީ މަޑުޖެހިފަ،" ގާޑިއަންއިން ރިޕޯޓުކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ވާހަކަ ތައް ކާމިޔާބު ވުމުގެ ފުރުޞަތު ވަރަށް ހަނި. ސަބަބަކީ އެމެރިކާ ގޮތް ދޫކުރަން ބޭނުން ނުވާނެތީ.
ނުރަބޯ - 3 މަސް ކުރިން