މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުޅުދުއްފުށީ ސިޓީގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކޮށް ނިންމައިފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ފުރިހަމަކުރެވިފައިވާކަން އިއުލާންކުރެއްވީ، ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންއެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

މަތީން ވިދާޅުވީ، ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް ފާއިތުވި އަހަރު އަހަރު ކުޅުދުއްފުށީގައި އެމްޑަބްލިޔުއެސްސީން ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްގެންދާ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އަންނަ މަހުން ފެށިގެން ކުޅުދުއްފުށީގައި ޑީސަލާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށާއި އެއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތްދިނުމުގެ އާ ބާބެއް ފެށިގެންދާނެ ކަމަށް މަތީން ވިދާޅުވިއެވެ.

"މިއީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. މި ކާމިޔާބީއަށް ވާސިލުވުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވައި، އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" މަތީންގެ ޕޯސްޓުގައިވެއެވެ.

22 މާޗް 2026: އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށް ނިންމުން --- ފޮޓޯ. އެމްޑަބްލިޔުއެސްސީ

މަތީން ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރާއިރު ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ހާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމާއިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ކަށަވަރުވާނެ ގޮތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށް މަތީން ވިދާޅުވިއެވެ.