ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމީ، މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާ މަޝްވަރާކޮށްގެން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.