އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މ،ި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

މި މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ދެމީހުންނަށް މިހާރު ވަނީ އަންގައިފައެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު އައިކް އާއި ޝިޔާމަށް ފޮނުވި ލިޔުމުގައި މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ގަވާއިދުތަކާ އެއްގޮތަށް ކަމުން، މި މައްސަލައަށް ހުއްދަ ދީފައިވާނެ ކަމަށް ވަނީ އަންގައިފައެވެ.

މި މައްސަލައިގެ އިތުރުން، އަންނަ މަހުގެ 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ވޯޓު ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަަހަޅައިފައެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލުވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ 17 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޖިލީހުން ފޮނުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުކަމަށްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް ގުނިއަސް ގާނޫނުއަސާސީގައި ބުނާ މުއްދަތު މިހާރު ފާއިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާތިލުވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެ ކަމަށެވެ.

ވަކީލު އައިކްއާއި ޝިޔާމް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފު ސުވާލެއް ކަމަށެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނު އަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.

އެކަމާ ގުޅިގެން އައިކު ވިދާޅުވެފައިވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގާނޫނު އަސާސީގައި އޮންނަނީ 262 ވަނަ މާއްދާގެ ށ. ގައި ބުނާ ކަންކަމަކަށް ބަދަލެއް ގެންނަ ނަމަ ކަމަށެވެ.

ނަމަވެސް ވޯޓުގައި އަހާފައިވަނީ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުންކަމަށް އައިކް ވިދާޅުވެފައިވެއެވެ. އެފަދަ އިސްލާހެއް ތަސްދީގުކުރުމާ ބެހޭގޮތުން ރައްޔިތުންނާ ސުވާލު ކުރީމަ ރައްޔިތުންނަށް އިތުރަށް އޮޅުންތަކެއް އަރާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަންސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަދި އަދާލަތު ޕާޓީން ވެސް ވަނީ އެކަމަށް ތާއީދުކޮށްފައެވެ.