ބޭނުންކުރެވޭ ރިޒާވްގައި 300 މިލިއަން ޑޮލަރު އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިމަހުގެ 18 ގެ ނިޔަލަށް ރާއްޖޭގެ ގްރޮސް ރިޒާވް ހުރީ ރާއްޖޭގެ ރިޒާވް މައްޗަށް ނުދާ މިންވަރެއްގައި ރިޒާވް ގެންދެވިފައި ހުރި ހިސާބުގައި ކަމަށެވެ.

"1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި އަދިވެސް އިރާދަކުރެއްވިއްޔާ ރިޒާވް މެއިންޓެއިންކުރެވޭ. ޔޫސަބަލް ރިޒާވް ވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި އަދިވެސް މެއިންޓެއިން އެބަ ކުރެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީން ވެސް އޮތް ގޮތަށް އަންނަ މަހުގެ އަށްވަނަ ދުވަހު ސުކޫކު ދެއްކުމުގައި އެއްވެސް ކަހަލަ ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެކަން އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގައި އަމަލުކުރާ އުސޫލު ނުވަތަ ސިޔާސަތުގެ ތެރެއިން އެކަންކަން ކުރިއަށްގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަނގުރާމައާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކަމަށާއި އެކަންކަމަށް ހައްލުތައް ހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.