އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ހިނގަމުންދާ ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެން ގޮސްފި ނަމަ، ދައުލަތަށް 85 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރި ނަމަވެސް ހަރަދުކުޑަކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ.

"ހަނގުރާމަ މިދަނީ މަހަކާ ގާތްކުރަން. އޭރު އަޅުގަނޑުމެން އަންދާޒާ ކުރިން މަހެއްހާ ދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިއްޔާ 85 މިލިއަނާއި 90 މިލިއަން ރުފިޔާ ގެއްލޭނެ. އެއީ ގަވަމަންޓް ރެވެނިއު އިން،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޝްރޫއުތަކުގެ ތާވަލުތަކަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ. ނަަމަވެސް ބޯހިޔާވަހިކަން އަދި ސިއްހީ ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވެފައިވަނީ ދައުލަތުގެ ރިޒާވް ހުސްވިޔަ ނުދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާއި މަޝްވަރާކުރުމަށްފަހު ބައެއް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

"އެއް ފިޔަވަޅަކީ ރިޒާވަށް އިތުރަށް 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރު، އިންޓަނޭޝަނަލް މަލްޓިލެޓްރަލް 2 އެޖެންސީއަކާއެކު މަސައްކަތްކޮށްގެން، އިއްޔެއާ ހިސާބަށް އެއްބަސްވުމަކަށް އާދެވިފައި އެބައޮތް. އެއީ އަސްލު ތެލުގެ އަގު މިހާރު މި ބޮޑުވާ އަދަދު، އެއީ މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބޭ އެއްޗެއް 150 ޑޮލަރަށް ބަދަލުވީމަ އެ އަންނަ ބައި ފައިނޭންސް ކުރުމަށް އަޅުގަނޑުމެން ހަމަޖައްސާ ފެސިލިޓީއެއް،" ޒަމީރު ވިދާޅުވެފައިވެއެވެ.

ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެން ގޮސްފި ނަމަ، ދައުލަތުގެ އާމްދަނީއަށް 100 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ލަފާކޮށްފައިވާކަމަށް ޒަމީރު ވިދާޅުވެފައިވެއެވެ. ވޯލްޑް ބޭންކުންވެސް ވަނީ އެކަމަށް ތާއީދުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"މި ހަނގުރާމަ އެއް މަސް ދުވަހަށް ދެމިގެންދާ ނަމަ، އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ، 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރާއި ދެމެދު އާމްދަނީ ދަށްވުމެއް އަންނާނެ ކަމަށް. އެއީ ސީދާ ސަރުކާރުގެ އާމްދަނީ. އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އަންދާޒާ ކޮށްފައި އަދި ވޯލްޑް ބޭންކުން އެއީ ރަނގަޅު އަދަދެއް ކަަމަށް ބުނެފައި އެބައޮތް" ޒަމީރު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ދައުލަތުގެ ރިޒާވަށް އިތުރު އާމްދަނީއެއް ކޮންމެހެންވެސް ހޯދަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.