މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، ސަރުކާރު ހިންގާ ޕީއެންސީން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
މޫސާ އަލީ ޖަލީލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އާދަމް މަނިކު ވިދާޅުވީ އަބަދުވެސް ކައުންސިލާއި މޭޔަރު ސަރުކާރާ ދެކޮޅަށް ހުރުމުން ފެންނަނީ މުޅިން ވެސް ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭތަން ކަމަށާއި އެހެންކަމުން މާލެއަށް ތަރައްގީ ނުގެނެވޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވީ ބޮޑު އެޖެންޑާއަކާއެކު ކަމަށާއި ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމާއެކު އެކަންކަން ހުއްޓުމަކަށް އައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދަންނަވަނީ މޫސާ އަލީ ޖަލީލަށޭ ފުރުސަތު އޮތީ. މޫސާ އަލީ ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް. މޫސާ އަލީ ޖަލީލަކީ ހުރިހާ ގޮތަކުން މާލޭގެ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.
އާދަމް މަނިކު ވިދާޅުވީ މޫސާ އަލީ ޖަލަކީ ޑިސިޕްލިން ބޭފުޅެއް ކަމަށާއި ދުވަހަކުވެސް މޫސާ އަލީ ޖަލީލާ ގުޅުވައިގެން ކޮރަޕްޝަންގެ ވާހަކައެއްގެ އަޑު އިވިފައިނުވާ ކަމަށެވެ. އަދި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް އިތުބާރުކުރައްވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދަރަނި ފަދަ މައްސަލަތަކަކީ ރައީސް މުއިއްޒު އުފެއްދެވި މައްސަލަތަކެއް ނޫން ކަމަށާއި ސަރުކާރުގެ ކަންކަން ކުރިއަށްގެންދާ ގޮތް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެހެން ވެރިކަންތަކުގައި ފެނިގެން ގޮސްފައިވަނީ އަބަދު މަގުމަތީގައި އުޅެން ޖެހޭ މަންޒަރު ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން އާދަމް މަނިކު ވިދާޅުވީ މިހާރު އެމްޑީޕީއެއް ނެތް ކަމަށާއި އެ ޕާޓީން މިހާރު ފެންނަނީ "ދަލު ބޭރުން" ޖެހިފައި ތިބި ބައެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކީ ހަގީގަތުގައި އެމްޑީޕީގެ ބައެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު