އެމެޒޯން ޕްރައިމް ވީޑިއޯގެ މަޝްހޫރު ކޮމެޑީ-ޑްރާމާ ސީރީޒް "ކޯލް މީ ބޭ" ގެ ދެވަނަ ސީޒަނެއް އުފައްދަން ނިންމައި، އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ސީރީޒްގެ ލީޑް ރޯލުން އަނަންޔާ ޕާންޑޭ އަލުން ފެނިގެންދާއިރު، ދެވަނަ ސީޒަނުގެ ކާސްޓާ އަލަށް ގުޅިފައިވަނީ މަޝްހޫރު ބަތަލާ ޝްރުތީ ހާސަންއެވެ.
ކަރަން ޖޯހަރްގެ ދަރްމެޓިކް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ސީރީޒްގެ އާ ސީޒަނުގައި ކުރިއަށްދާނީ ފުރަތަމަ ސީޒަނުގައި ފެށި ވާހަކައިގެ މައްޗަށެވެ. އެގޮތުން، އަނަންޔާ ކުޅޭ "ބޭ" ގެ ކެރެކްޓަރަށް އަންނަ ބަދަލުތަކާއި، އޭނާގެ އަމިއްލަ ނިއުސް ޝޯއެއް ފެށުމުން ދިމާވާ ގޮންޖެހުންތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން މި ސީޒަނުގައި ފެނިގެންދާނެއެވެ. ޝްރުތީ ހާސަން ފެނިގެންދާނީ ސީރީޒްގެ ވާހަކައަށް މުހިންމު ބަދަލުތަކެއް ގެނުވާނެ އާ ކެރެކްޓަރަކުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ފެންނާނީ "އާ ދައްތަ"އެއްގެ ރޯލުންނެވެ.
"ކޯލް މީ ބޭ" އަށް ދެވަނަ ސީޒަނެއް ގެންނަން ނިންމީ، ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި، ޕްރައިމް ވީޑިއޯގެ ވިއުވަރޝިޕް ޑޭޓާއަށް ބެލުމަށްފަހުގައެވެ. މި ސީރީޒް ވަނީ އިންޑިއާގެ އިތުރުން ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމެއްގައި ޓްރެންޑިން ލިސްޓުގެ ކުރިން ޖާގަ ހޯދާފައެވެ. ކަރަން ޖޯހަރް ބުނި ގޮތުގައި ފުރަތަމަ ސީޒަނަކީ އެ ޕްރޮޑަކްޝަން ހައުސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އާ ސީޒަނާއެކު ބެލުންތެރިންނަށް އިތުރު ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
ކޮލިން ޑިކުންހާ ޑައިރެކްޓްކުރާ މި ސީރީޒްގެ ދެވަނަ ސީޒަނުގައި، ފުރަތަމަ ސީޒަނުން ފެނުނު ގިނަ ތަރިންތަކެއް އަލުން ފެންނާނެއެވެ. އޭގެ ތެރޭގައި ވީރް ދާސް، ގުރްފަތޭ ޕިރްޒާދާ، ވަރުން ސޫދު، ވިހާން ސަމަތު އަދި މިނީ މާތުރް ފަދަ ތަރިން ހިމެނެއެވެ. މި ސީރީޒްގެ ޝޫޓިން މިހާރު ފަށާފައިވާއިރު، އާ ސީޒަން ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން