ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ޓީމާ ހަވާލުވެ، އެންމެ ފުރަތަމަވެސް ކުރަން ބޭނުންވި މަސައްކަތަކީ އެއްކޮށް ރަނގަޅު ޗެމިސްޓްރީއެއްގައި ކުޅޭނެ ޓީމެއް އެކުލަވާލުން ކަމަށާއި، އެކަން ހާސިލްވަމުންދާތަން ޓީމުން ފެންނަ ކަމަށް ގައުމީ ސީނިއާ ޓީމުގެ އިތުރުން 20 އަހަރުން ދަށުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރުބާނީ ބުނެފިއެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތް ރާއްޖޭގައި ފަށަން ތައްޔާރުވަމުންދާ އިރު، މުބާރާތް ގައުމީ ދަނޑުގައި ފަށާނީ މާދަމާ ހަވީރުއެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ބޫޓާން، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއާއި ސްރީ ލަންކާވެސް ބައިވެރިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ ނޭޕާލާއ ބޫޓާންގެ އިތުރުން ސްރީ ލަންކާއާއެކުގައެވެ.

ރާއްޖޭގެ ފުރަތަމަ މެޗު މާދަމާ ރޭ 8:30 ގައި އޮތް އިރު، އެމެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ގައުމީ ސީނިއާ ޓީމާއެކު މަސައްކަތްތަކެއް ކޮށްފައިވާ އުރުބާނީއާއެކު ޒުވާން ޓީމުން މުބާރާތަށް ތައްޔާރުވެފައިވާ އިރު، ޓީމުން ވަނީ މި މުބާރާތުގެ ކުރިން ސިންގަޕޫރުގައި ކޭމްޕްކޮށް، އެކުވެރިކަމުގެ ދެމެޗުވެސް ކުޅެފައެވެ. އަދި އިއްޔެ ޓީމުން ވަނީ ނަސަންދުރާގައި ކޭމްޕްވެސް ކޮށްފައެވެ.

"އޯވަރޯލްކޮށް ޓީމަށް ކުރިއެރުންތަކެއް ގެނެވިއްޖެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބެލީ ބަދަހި ޓީމެއް ބިނާކުރުމަށް. ޗެމިސްޓްރީއާއެކު ކުޅެވޭނެ ޓީމެއް ބިނާކުރަން. އަހަންނަށް ހީވަނީ އެކަންތައް ދަނީ ރަނގަޅަށްހެން،" ހަންގޭރީގެ ޓެކްޓީޝަން އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ 20 އަހަރުން ދަށުގެ ޓީމު މިހާރު އޮތް ލެވެލް ބުނެލުން އެއީ އުނދަގޫ ކަމަކަށްވާނެ ކަމަށާއި، ރާއްޖެއަށް މުބާރާތުން ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ފެންވަރު ވަޒަންކުރެވުން ކަމަށެވެ.

"މިހާރު މިއޮތީ މިވެނި ހިސާބެއްގައޭ ބުނުން އެއީ ވަރަށް އުނދަގޫކަމެއް. އެކަމަކު މިއީ ލިބޭނެ ފުރުސަތެއް. އެއީ ފެންވަރު ރަނގަޅަށް ވަޒަންކޮށްލަން ލިބޭނެ ފުރުސަތެއް. އެހެންވީމަ މި މުބާރާތުން އެނގޭނެ މި އުމުފުރާގެ ފެންވަރު އޮތީ ކިހާ ހިސާބެއްގައިކަން،" އުރުބާނީ ބުންޏެވެ.