އިރާނުގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް ހަމަލާދީފިއެވެ.

އިރާނުގެ ނިއުކްލިއާ ކަންކަމާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ އެންމެ މައި އެއް ނިއުކްލިއާ މަރުކަޒު ކަމަށްވާ ނަތަންޒް ނިއުކްލިއާ މަރުކަޒަށް ވަނީ ހަމަލާއެއް އަރައިފައެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މަރުކަޒަށް ހަމަލާ ދީފައިވީ ނަމަވެސް އެތަނުން އެއްވެސް ވަރަކަށް ރޭޑިއޭޝަނެއް ބޭރެއް ނުވެއެވެ.

ނަތަންޒް ނިއުކްލިއާ މަރުކަޒަށް ހަމަލާ ދީފައިވާ ކަމަށް އިރާނުން ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެ މަރުކަޒަށް ހަމަލާ ދީފައިވަނީ ކިހިނެއް ކަމެއް އަދި ހަމަލާދިނުމުގައި ބޭނުންކޮޮށްފައިވަނީ ކޮން ހަތިޔާރެއް ކަމެއްވެސް ސާފުވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ނިއުކްލިއާ ކަންކަމާ ބެހޭ އިދާރާއިން ނެރުނު ބަޔާނުގައިވާ ގޮތުން ހަމަލާދިން ނަތަންޒް މަރުކަޒު ހުންނަނީ އާންމުން އުޅޭ ސަރަހައްދާ ދުރުގައިކަމުން، އެ ހަމަލާގެ އެއްވެސް އަސަރެއް އާންމުންނަށް ކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހަމަލާދީފައިވަނީ އެމެރިކާއިންނެވެ. އަދި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ބަންކާ ބޮންކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިރާނުން ނިއުކްލިއާ ހަރިޔާރު އުފައްދާ ކަމަށް ތުހުމަތުކޮށް އެމެރިކާއާއި އިސްރާއީލުން އިރާނަށް ހަމަލާދޭން ފަށާފައިވާ އިރު، އިރާނުން ވަނީ އެގައުމުގެ އެއްވެސް ނިއުކްލިއާ މަރުކަޒަކަށް ހަމަލާއެއް ދީފިނަމަ އޭގެ ބަދަލު ހިތިވާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.