ވ. ފެލިދޫ ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަންޑުން ޖަހާލި ލޯންޗުން އިންޑިއާގެ ބިލިއަނަރެއް ކަމަށްވާ ގޯތަމް ސިންހާނިއާ ދަތުރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ އިއްޔެ ފަށައިފައެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަ ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަނެއް ދެ މީހުުން ހޯދަމުންގެންދާ ކަމަށް ފުލުހުން އިއްޔެ ބުނި ނަމަވެސް ގެއްލިގެން ހޯދަމުންދާ ދެ މީހުން ފެނިފައިވާ ކަމުގެ މައުލުމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ ގޯތަމް ސިންހާނިއާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އުމުރުން 60 އަހަރުގެ ގޯތަމް ސިންހާނިއާ އަކީ އިންޑިއާގެ ބިލިއަނަރު ވިޔަފާރިވެރިއެކެވެ. އޭނާ އަކީ ދުނިޔޭގައި އެންމެ ބޮޑު ފެބްރިކް އުފައްދާ ކުންފުނި ކަމަށްވާ ރޭމަންޑް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރެވެ.

ސިންހާނިއާ އާއިލާގެ ޖޭކޭ ގްރޫޕް އޮފް ކޮމްޕެނީސްއާ ގޯތަމް ސިންހާނިއާ ގުޅިވަޑައިގަތީ 1986 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ އާއިލާގެ ރޭމަންޑް ގްރޫޕްގެ ޑިރެކްޓަރުކަމާއި، މެނޭޖިން ޑިރެކްޓަރުކަން އަދި ޗެއާމަންކަން ވެސް ކުރެއްވިއެވެ.