އިރާނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

އިރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ އިސްވެއޮވެ ފެށި ހަނގުރާމައަށް ތިން ހަފުތާ ވެފައިވާ އިރު، ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ އަސަރު ވަނީ ކުރަން ފަށައިފައެވެ.

ހަނގުރާމަ އިސްވެ ފަށައި އެމެރިކާއިން އިޒްރޭލާ ގުޅިގެން އިރާނަށް ހަމަލާދެމުންދާ އިރު، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިނުވުމަށް ނިންމައިފައެވެ.

ހަނގުރާމައިގައި ބައިވެރިނުވުމަށް ނިންމި ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކަށް ލިބެމުން އަންނަ އިގުތިސާދީ ގެއްލުމުން ކުޑަކުރުމަށް ކަމަށްބުނެ އެމެރިކާއާ ބައިއަތު ހިފަން ފަށައިފައެވެ. އެގޮތުން އިނގިރޭސިވިލާތުން ވެސް ރާގު ބަދަލުކޮށް އެގައުމުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދޭން ވަނީ ނިންމައިފައެެވެ.

އިނގިރޭސިވިލާތުގެ ކެބިނެޓުން އިއްޔެ ވަނީ ހޮރުމޯޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކަށް އިރާނުން ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމަށް ނިންމައިފައެވެ.

އިނގިރޭސިވިލާތުން ނެރުނު ބަޔާނެއްގައިވާގޮތުން އެގައުމުގެ ބޭސްތައް އެމެރިކާއިން ބޭނުންކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެ ބޭސްތައް ބޭނުންކޮށް އިރާނަށް ހަމަލާ ދިނުމަށްވެސް އެމެރިކާއަށް ހުއްދަ ދިނުމަށް ނިންމައިފައެވެ.

ހަނގުރާމަ ފެށުމުގެ ކުރިން އިރާނުން ވަނީ އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާ ދީފި ނަމަ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ހަނގުރާމަ ފެށުމާއެކު އިރާނުން ވަނީ އަވައްޓެރި ގައުމުތަކުގައި ހުންނަ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށް ގިނަ ހަމަލާތައް ކާމިޔާބުވެސް ކޮށްފައެވެ.