އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބޯންމައުތު ދަނޑުގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، އެ ނަތީޖާއާއެކުވެސް ޔުނައިޓެޑް އޮތީ ތިންވަނައިގައެވެ. މައިކަލް ކެރިކްގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އައިސްފައިވާ އިރު، އެޓީމު ތިންވަނައިގައި އޮތީ 31 މެޗުން 55 ޕޮއިންޓާއެކުގައެވެ. މެޗުން ހޯދި ޕޮއިންޓާއެކު ބޯންމައުތު 10 ވަނައިގައި އޮތީ 31 މެޗުން 42 ޕޮއިންޓާއެކުގައެވެ.

ފުރަތަމަ ހާފުގައި މާގިނަ ނުރައްކާތެރި ހަމަލާތަކެއް ނުފެނުނު ނަމަވެސް، ޔުނައިޓެޑުން ވަނީ ނުރައްކާކޮށްފައެވެ. އެގޮތުން މަތެއަސް ކުންޏާއާއި ޑިއޯގޯ ޑަލޯގެ ހަމަލާތައް މަތަކުރީ ޖޯޖޭ ޕެޓްރޮވިޗެވެ.

މެޗު ހުޅުވިގެން ދިޔައީ ދެވަނަ ހާފުގައެވެ. ހާފުގެ ކުރީކޮޅުގައި އޭރިއާ ތެރެއިން ކުންޏާއަށް ކުރި ފައުލަކަށް ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިފައިވާ އިރު، އެ ޕެނަލްޓީގައި ބްރޫނޯ ފެނާންޑޭޒް ވަނީ މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަށް ފަސްވަރަކަށް މިނެޓް ފަހުން ބޯންމައުތުން މެޗު އެއްވަރުކުރިއެވެ.

ރަޔަން ކްރިސްޓީ ގޯލު އޭނާ ކާމިޔާބުކުރީ އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޖޭމްސް ހިލް އަތުން ބައިކޮޅަށް ވަން ގޯލާއެކު ޔުނައިޓެޑަށް އަލުން ލީޑު ލިބުނު ނަމަވެސް، 78 ވަނަ މިނެޓުގައި ޔުނައިޓެޑަށް މެޗު އުނދަގޫވިއެވެ. ހެރީ މެގުއާ، އެވަނިލްސަންއަށް އޭރިއާ ތެރެއިން ކުރި ފައުލާއެކު އޭނާއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ޕެނަލްޓީގައި ބޯންމައުތު މެޗު އެއްވަރުކުރިއެވެ.

ބޯންމައުތަށް ޕެނަލްޓީގައި މެޗު އެއްވަރުކޮށް، ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެލީ ޖޫނިއާ ކްރޯޕީއެވެ.