ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން އިރާނުގައި މިހާރު ނެތް ކަމަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ވަނީ އިޒްރޭލަށް ހަނގުރާމައިގައި ކާމިޔާބު ވަމުން އަންނަ ކަމަށާއި އިރާނުގެ މިސައިލުތަކާއި ޑްރޯންތަކުގެ އަދަދު ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައެވެ.

ނަތަންޔާހޫ ވަނީ އިޒްރޭލު ހަމަލާތަކުގައި މިހާރު ދަނީ މިސައިލުތަކާއި ޑްރޯންތައް އުފައްދާ ތަންތަން ނައްތާލަމުން ކަމަށާއި އެގޮތުން ނިއުކްލިއާ ހަތިޔާރު އުފައްދާ ތަންތަން ވެސް ނައްތަލާފައިވާ ކަމަށް ބުނެފައެވެ.

ނަތަންޔާހޫ، އިރާނުގެ ގާބިލުކަމާ މެދު ސުވާލު ކުރި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އަދި އެވާހަކައިގެ ބުރަދަނެއް ހުންނަ ވަރަށް އެއްވެސް ވާހަކައެއް ސާބިތުކޮށްދީފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއާއި އިޒްރޭލު އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ތިން ހަފުތާ ވެފައިވާ އިރު ނަތަންޔާހޫ ވަނީ އިރާނުގެ ރައްޔިތުން މާގިނަ ދުވަހެއް ނުވެ އެގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުންނާނެ ކަމަށް ބުނެފައެވެ.