މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާ ފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ލަފާފުރާ ގޮތަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ ބަދަލާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އިން ލިބޭނެ ކަމަށެވެ.

މާލެއާއި އަތޮޅުތެރެއާ ދެމެދު ލޯންޗް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް އެމްޓީސީސީގެ ހެންވޭރު ޓާމިނަލާއި ހުޅުމާލެ ޓާމިނަލް ހުޅުވައިލީ މިދިޔަ އަހަރުގެ މާޗު 13 ގައެވެ.

ލޯންޗު ފެރީތަކަށް ހެންވޭރު ފެރީ ޓާމިނަލުން ހިދުމަތް ދޭއިރު، ކޮންމެ ލޯންޗަކަށްވެސް ޖެޓީއާ ކައިރިކޮށްފައި ބޭއްވޭނީ 30 މިނެޓެވެ. އަދި ދަތުރުވެރިން ޓާމިނަލަށް އައިސް ފުރުމާ ދޭތެރޭގައި މަޑުކޮށްލަން ޓާމިނަލް ތެރޭގައި ހާއްސަ ސަރަހައްދެއް ހަމަޖައްސާފައިވާއިރު ޓާމިނަލްގެ ފާހާނާ ބޭނުންކުރެވޭނެއެވެ.