އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފިއެވެ.

ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް މިހާރު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނީ މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހުގައި ކަމަށެވެ

މި ބަދަލާއެކު، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެކެވެ.

އެއްލައްކަ ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެންވެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރޯދަ މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެއެވެ.

ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި ފައިސާގެ އިނާމުތަކާއި އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެއެވެ.

މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މުޅި ރާއްޖޭގެ އެކު ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މިގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. މިއީ ރޯދަ މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާއެއް" ނިޔާޒު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އިން ހުރިހާ ކަސްޓަމަރުންނަށް ދައުވަތު ދެނީ މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށެވެ.