ނޭޝަނަލް ޖިއޮގްރަފިކް އިން ކޮންމެ އަހަރަކު ނެރޭ "ނޭޝަނަލް ޖިއޮގްރަފިކް 33" ގްލޯބަލް ޗޭންޖްމޭކާސް ލިސްޓުގެ 2026 ވަނަ އަހަރުގެ ލިސްޓުގައި މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ، ހެރިސަން ފޯޑް އަދި އިޑްރިސް އެލްބާ ހިމަނައިފިއެވެ. މާރިޗު 17 ވަނަ ދުވަހު އާންމުކުރި މި ލިސްޓުގައި ހިމަނާފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދީ، ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ 33 މީހުންނެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް މި ލިސްޓުގައި ހިމަނާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެންނެވެ. އޭނާގެ ޕްރޮޑަކްޝަން ކުންފުނި "އިޓާނަލް ސަންޝައިން" މެދުވެރިކޮށް އެތްތައް ޝިކާރަކުރުމާ ދެކޮޅަށް ވަނީ މިނީ ސީރީޒެއް އުފައްދައިފައެވެ. މީގެ އިތުރުން، އޭނާ ލިޔެފައިވާ ކުޑަކުދީންގެ ފޮތް "އެޑް ފައިންޑްސް އަ ހޯމް" އާއި، ތިމާވެއްޓާ ރައްޓެހި ޖަމިއްޔާތަކަށް އެހީވުމަށް ހިންގާ "މައި ވޯޑްރޯބް އިޒް ސޫ ވޯޑްރޯބް" ކެމްޕެއިން ނޭޝަނަލް ޖިއޮގްރަފިކް އިން ވަނީ ފާހަގަކޮށްފައެވެ.
ޕްރިޔަންކާ ޗޯޕްރާ މި ލިސްޓުގައި ހިމެނުނީ ސިއްހީ ފަރުވާ ހޯދުމުގައި ހުރި ދަތިތައް ނައްތާލުމަށާއި، ހާއްސަކޮށް ހަކުރުބަލި ނުވަތަ ޑައިބެޓީސްއާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތްތަކަށެވެ. އޭނާގެ ފިރިމީހާ ނިކް ޖޯނަސްއަށް ޓައިޕް 1 ޑައިބެޓީސް ޖެހިފައިވުމާއެކު، ޕްރިޔަންކާ އަންނަނީ "ބިޔޯންޑް ޓައިޕް 1" ޖަމިއްޔާގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން މި ބައްޔާ ގުޅޭ ކުށްހީތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނޭޝަނަލް ޖިއޮގްރަފިކްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދައިދީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅާ ފަރާތްތަކެއް ކަމަށެވެ. އާލިއާ އާއި ޕްރިޔަންކާގެ އިތުރުން، ހޮލީވުޑްގެ ތަރިން ކަމަށްވާ ހެރިސަން ފޯޑް އަދި އިޑްރިސް އެލްބާ ފަދަ ފަރާތްތަކުން އެ މީހުންގެ މަޝްހޫރުކަމުގެ ބޭނުންކޮށްގެން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތްތައް މި ލިސްޓުން ވަނީ ބަލައިގަނެފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު